ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ އަށް އިއުތިރާފުވެ ވަޑައިގެންނެވުމުން އަދަބެއްގެ ގޮތުގައި 20 އަހަރަށް ޖަލަށް ލުމާއި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ދައުލަތުން އެއްބަސްވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ. އެހުރިހާ ދައުވާތަކަށް ވެސް އަދީބު މީގެ ކުރިން ވަނީ އިއުތިރާފްވެވަޑައިގެން އެ ދައުވާތަކަށް ދެވޭނެ އެންމެ ލުއި އަދަބެއް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތަކަށް ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަސް، ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް، ހަ މަސް ދުވަހަށް ޖަލަށް ލުން، ތިން މަސް ދުވަހަށް ޖަލަށް ލުން، ފަސް އަހަރާއި 11 މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން، އެއް މަހާއި 15 ދުވަހަށް ޖަލަށް ލުން އަދި ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް ދައުލަތުން ވަނީ އެއްބަސްވެފައެވެ.

އަދީބާ އެކު އެއްބަސްވި އަދަބާ ބެހޭ ތަފްސީލް ދައުލަތުން ޝަރީއަތަށް ހުށަހެޅުމުން، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ހުކުމް ކުރުމުގެ ޝަރީއަތް މި މަހުގެ 12 ވަނަ ދުވަހު ބާއްވާނެ ކަން އިއުލާންކުރައްވާފައެވެ. ނަމަވެސް މިއީ އަވަސް ނިޔާގެ މައްސަލައެއް ކަމަށް ވާތީ، އިއުތިރާފުވި ޝަރީއަތުގެ މަޖިލީހަށް ފަހު ދެން ބާއްވާ އަޑުއެހުމެއްގައި ހުކުމް ކުރަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނު ބުނާ ކަމަށް ދައުލަތުން ގާޒީގެ ސަމާލު ކަމަށް ގެންނެވިއެވެ. ނަމަވެސް އެ ހަތް ދައުވާގެ ހުކުމް ވަކިން ލިޔަން ޖެހޭ ކަމަށާއި އެހެންވެ މިއަދު އެކަން ނިންމުން ދަތިވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. ދައުލަތުން އެކަން ފާހަގަކުރުމުން ޝަރީއަތް މެދުކަނޑާލުމަށްފަހު އަދީބުގެ މައްޗަށް ޙުކުމް ކުރުމުގެ މަޖިލިސް މިއަދު 6 ޖަހާއިރު ބޭއްވުމަށް ގާޒީ މިހާރު ވަނީ ނިއްމަވާފައެވެ.

ކުރިން މި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައި ކޯޓުގައި އިސްތިއުނާފުކޮށް އަލުން ކްރިމިނަލް ކޯޓުން މައްސަލަ ބަލަން އެންގުމުން މިދިޔަ ބުދަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަދީބު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ގެއްލިގެންދިޔަ ފައިސާތައް ހޯދަންޖެހޭ ކަމަށާއި އެކަމުގައި އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ދައުލަތުން ކުރި ހަތް ދައުވާއަށް ވެސް އޭނާ އިއުތިރާފްވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ޚިޔާނަތުގެ ފައިސާ ހޭދަކުރި ގޮތުގެ ބައެއް ތަފްސީލްތައް ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން