ދައުލަތުގެ މަތީ ފަޑިން ޤާނޫނުތަކަށް ބޯނުލެނބުމަކީ މުޖުތަމައަށް ދެއްކޭ ވަރަށް ގޯސް މިސާލެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިފަދައިން ވިދާޅުވީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބޭއްވި އަޑުއެހުމަކަށް އިސްލާމިކް މިނިސްޓްރީން ތަކުރާރުކޮށް ހާޒިރުނުވުމާ ގުޅިގެން، އެ މިނިސްޓްރީ 700 ރުފިޔާއިން ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކާއި ވުޒާރާތަކުން ޤާނޫނުތަކަށް އިޙްތިރާމް ނުކުރުމަކީ ނުރައްކާތެރި މިސާލެއް ކަމަށެވެ. އަދި މި ސަރުކާރުން ފެންނަނީ ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމުގެ ބަދަލުގައި، ޤާނޫނުތަކަށް ގޮންޖަހަމުންދާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފާޑުވިދާޅުވަމުން މަލީހް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒަކީ ޤާނޫނުތައް "ކޮށާ މަށާ"، ޚުދުމުޚުތާރު ވެރިކަމެއް ކުރުމުގެ ނުބައި ވިސްނުމެއްގައި ކުރިއަށްދާ ބޭފުޅެއް ކަމަށެވެ.

ނަމަވެސް، ޤާނޫނުގެ ބާރު ކަނޑުވާލައިގެން ކުރިއަށްދާން ކުރާ އެއްވެސް މަސައްކަތެއްގައި ރައީސް މުޢިއްޒަށް ކާމިޔާބެއް ނުވާނެ ކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް