ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުނުކޮށް، ރާއްޖޭގެ ފަނޑިޔާރުގެތަކަކީ މިނިވަން ތަނަކަށް ނުހެދޭނެ ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައިވަނީ، ޝަރުއީ ކޯޓުތަކަކީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެފައިވާ ތަނަކަށް ވެގެން ނޫނީ އަނިޔާވެރިކަން ނައްތައެއް ނުލެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޢުތަޞިމް އަދުނާން ވިދާޅުވުމާ ގުޅިގެންނެވެ.

ޤަޟާޢީ އަހަރު 2026 އިފްތިތާހުކުރުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަކީ ދައުލަތުގެ ހުރިހާ ބަހާތަކެއްގައި އަދުލުވެރިކަން ކަށަވަރުކުރުމުގެ މައްޗަށް ތަރުތީބުވެފައިވާ ބާރަކަށް ވާންޖެހޭ ކަމަށެވެ. އަދި ކޯޓުތަކަކީ ވަކި ފަރާތަކަށް ނުޖެހި ހަރުދަނާކަމާއެކު މަސައްކަތްކުރާ ތަންތަނަށް ހެދުމަކީ ދައުލަތް ހިންގުމާ ހަވާލުވެ ތިއްބެވި އެންމެންގެ ޒިންމާއެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަލީ ހުސައިން ވިދާޅުވީ، ފަނޑިޔާރުގެ މިނިވަންކުރުމުގެ އެންމެ މުހިންމު ފިޔަވަޅަކީ ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުން ކަމަށެވެ. ޖޭއެސްސީ މިހާރު އޮތް ގޮތުން ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު އޮތްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަލީ ހުސައިން މި މޭރުމުން ވާހަކަ ދައްކާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މުޅި ޖުޑިޝަރީ ނިޒާމު "ފުނޑާލައި"، ހުރިހާ ބާރެއް ރައީސްގެ އަތްދަށަށް ގެންގޮސްފައިވާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ. އަދި ޖޭއެސްސީ ފަދަ މުއައްސަސާތަކުގައި މިހާރު ތިއްބެވީ ރައީސް މުޢިއްޒަށް ނުފޫޒު ފޯރުވޭނެ ފަރާތްތަކެއް ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކޮށްދީފައި އޮތް ނަމަވެސް، ޖޭއެސްސީ އިސްލާހުކުރުމަކީ ފަނޑިޔާރުގެއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތް ކަމަށް ޖުޑިޝަރީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުންނާއި، އިދިކޮޅު ފަރާތްތަކަކުންވެސް ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް