މިއީ ބުޅާ ގެންގުޅޭ ފަރާތްތަކުގެ މެދުގައި މިހާރު އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކައެވެ. ސައިންސް ޑެއިލީގައި ރިޕޯޓް ކޮށްފައި ގޮތުން ދާދިފަހުން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި، ބުޅަލަކީ އެސޮރުމެންނަށް އޯގާތެރިކަމާއި ހެޔޮކޮށް ހިތާ މީހުން ވަރަށް ބޮޑަށް ކަމޭހިތައި އެކަން ހަނދާން ބަހައްޓާ އެއްޗެކެވެ.

ބުޅަލަކީ އާންމުކޮށް މިނިވަންކޮށް، މީހުންނާ ދުރުގައި އުޅޭ އެއްޗެއްގެ ގޮތުގައި ފެނުނު ކަމުގައި ވިޔަސް، މި ދިރާސާއިން ހާމަވި ގޮތުގައި އަހަރެމެން އިންސާނުން ބުޅަލަށް ދޭ އަހުމިއްޔަތުކަމާއި އަޅާލުމާއި، ކާންދޭދިނުމާއި، އަދި މަޑުމައިތިރިކަމާއެކު އެސޮރުމެންގައިގައި ފިރުމައި މުއާމަލާތް ކުރުމުގެ ސަބަބުން އެސޮރުމެންގެ ހަނދާނުގައި އެކަންކަން ފިލައިގެނެއް ނުދެއެވެ. އެގޮތުން އެސޮރުމެން ލޯބިން ގެންގުޅޭ މީހުންނާއި ދެމެދު އޮންނަ ގުޅުން ދުވަސް ވާވަރަކަށް ބަދަހިވެ ވަރަށް ބޮޑު އިތުބާރެއް އުފެދިގެންދެއެވެ. އަދި ބުޅާވެސް އެގުޅުން އަބަދުވެސް ބާވަން ބޭނުންވެއެވެ.

ބުޅަލަށް އަޅާލައި ލޯބިންގެންގުޅޭ މީހުން އެތަށް ދުވަހެއް ފަހުން ބައްދަލުވިޔަސް އެސޮރުމެންނަށް އެމީހަކު ވަކިކުރަންދަންނާނެއެވެ. އެސޮރުމެންފެ ހިތުގައި އެމީހަކަށް ހާއްސަ މަގާމެއް ދެވިފައިވެއެވެ.

ބުޅާ އޯގާތެރިކަމާ މެދު ވިސްނަނީ އިންސާނުން ވިސްނާ ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި ބުޅާ މީހުން ދެނެގަންނަނީ އެމީހެއްގެ ފަރާތުން ލިބޭ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށެވެ. މީހެއްގެ ފަރާތުން ލޯތްބާއި، ކުޅިވަރާއި، ނުވަތަ މީރު ކާނާ ލިބޭނަމަ، ބުޅާ އެ ހަނދާންތައް ރައްކާކުރެއެވެ.

އެހެންކަމުން ބައެއް ބުޅާ ވަކި މީހެއްގެ ފަހަތުން ދިއުމާއި، އެމީހެއްގެ ކައިރީގައި ނިދަން އޮތުމަކީ އިއްތިފާގެއް ނޫނެވެ. އެއީ އެމީހެއްގެ ފަރާތުން ލިބޭ އަޅާލުމުގެ ބަދަލުގައި ބުޅާ ދޭ ރައްދެކެވެ. މާހިރުން ބުނާ ގޮތުގައި، ބުޅަލުގެ ފަރާތުން ފެންނަ މިފަދަ ކުދިކުދި އަމަލުތަކުން ހާމަވަނީ، އެސޮރުމެންގެ އަމިއްލަ ގޮތުގައި އިންސާނުންނާ އެކު އުފައްދާ ވަރުގަދަ ގުޅުމެވެ.



ކިޔުންތެރިންގެ ހިޔާލު