އެމެރިކާއާއި އީރާނާ ދެމެދު އޮތް މަސްލަހަތު ގޯސްވެ، މަސްރަހު ނުތަނަވަސްވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު އުފުލިއްޖެ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފިއެވެ.

ޚަބަރުތައް ބުނާގޮތުން، މި ނުތަނަވަސްކަމާއެކު އިންވެސްޓަރުންގެ މެދުގައި ބިރުވެރިކަން އުފެދި، ރައްކާތެރި މުދަލެއްގެ ގޮތުގައި ރަން ގަތުމަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި ނުތަނަވަސްކަން ބޮޑުވީ، އަރަބި ކަނޑުގައި ދަތުރުކުރަމުންދިޔަ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ޑްރޯނެއް އެމެރިކާ ސިފައިން ވައްޓާލި ހާދިސާއާ ގުޅިގެންނެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އެމެރިކާއާ ގުޅުންހުރި ތެޔޮ ޓޭންކަރަކަށް އީރާނުގެ އަސްކަރީ އުޅަނދުތަކުން ހުރަސްއެޅި ކަމުގެ ރިޕޯޓްތައް ވެސް ވަނީ ފެންމަތިވެފައެވެ.

މި ހާދިސާތަކުގެ ސަބަބުން ރަނުގެ އަގު އައުންސްއަކަށް 5,000 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރައިގެން ގޮސްފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ މިފަދަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ހިއްސާގެ ބާޒާރަށް ލޮޅުން އަރާއިރު، ގިނަ ބަޔަކު އިތުބާރު ކުރަނީ ރަނަށެވެ.

މީގެ އިތުރުން އެމެރިކާގެ މަރުކަޒީ ބޭންކުން އިންޓަރެސްޓް ރޭޓް ދަށްކުރާނެ ކަމަށް ބެލެވުމާއި، އެމެރިކާ ޑޮލަރުގެ އަގު ދަށްވުމަކީ ވެސް ރަނުގެ އަގު އުފުލުމަށް މެދުވެރިވި ސަބަބުތަކެކެވެ. ރަނުގެ އިތުރުން ރިހީގެ އަގު ވެސް ވަނީ މި ދުވަސްވަރު ބޮޑުތަނުން އުފުލިފައެވެ.



ކިޔުންތެރިންގެ ހިޔާލު