އަންހެނުންގެ ހަށިގަނޑަށް އަންނަ ގުދުރަތީ ބޮޑު ބަދަލެއް ކަމަށްވާ މެނޮޕޯސް ނުވަތަ އިއްދައިން ކެނޑުމަކީ ހަމައެކަނި ދަރިމައިވުމުގެ ނިޒާމަށް އަންނަ ބަދަލެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ދުވަސްވަރު ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މީގެ ސަބަބުން އެންޒައިޓީ (ހާސްކަން) އިތުރުވުމާއި، ނިދީގެ އެކި މައްސަލަތައް ކުރިމަތިވުމަކީ މިއަދު ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.

މެނޮޕޯސްއާ ގުޅިގެން ކެމްބްރިޖް ޔުނިވާސިޓީގެ ރިސާޗަރުން ހެދި އާ ދިރާސާތަކުން ހާމަވާ ގޮތުގައި، މި މަރުހަލާގައި ހަށިގަނޑުގެ ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިކުނޑީގެ އޮނިގަނޑަށާއި އޭގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައެވެ. ހާއްސަކޮށް އެސްޓްރަޖަން ހޯރމޯން ދަށްވުމަކީ ސިކުނޑީގެ "ހީޓް ރެގިއުލޭޝަން" ނުވަތަ ހަށިގަނޑުގެ ހޫނުމިން ކޮންޓްރޯލްކުރާ ބަޔަށް ބާރު ފޯރުވާ ކަމެއް ކަމަށް އެ ދިރާސާއިން ހާމަވެއެވެ. މީގެ ސަބަބުން ގަދަޔަށް ދާހިއްލުމާއި، ހަށިގަނޑު ކުއްލިއަކަށް ހޫނުވުން ފަދަ އުނދަގޫތައް ކުރިމަތިވެއެވެ.

ސައިކޮލޮޖިކަލް މެޑިސިންގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ހާމަވާ ގޮތުގައި މެނޮޕޯސްގެ ދުވަސްވަރު ގިނަ އަންހެނުންނަށް ނަފްސާނީ ގޮތުން ނުތަނަވަސްކަން އިހުސާސް ކުރެވެއެވެ. އެގޮތުން ސިކުނޑީގައި އުފެދޭ ކެމިކަލްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކުދިކުދި ކަންތައްތަކާ މެދު މާބޮޑަށް ފިކުރުބޮޑުވުމާއި، ބިރުގަތުމާއި، އަދި ކަންކަމާ ކުރިމަތިލާން ޖެހިލުންވުން ފަދަ އެންޒައިޓީގެ އަލާމާތްތައް ފެންނަން ފަށައެވެ. މިއީ ހަމައެކަނި މިޒާޖަށް އަންނަ ބަދަލެއް ނޫން ކަމަށާއި، މިއީ ސިކުނޑީގެ ނިއުރޯލޮޖިކަލް ބަދަލުތަކާ ގުޅިފައިވާ ކަމެއްކަން މި ދިރާސާއިން ސާބިތުވެއެވެ.

ނިދިނައުމާއި، ނިދިފައި އޮއްވާ އަވަސްއަވަހަށް ހޭލެވުމަކީ މެނޮޕޯސްގެ މަރުހަލާގައި ހުރި އެންމެ އާންމު އެއް މައްސަލައެވެ. ރޭގަނޑު ދާހިއްލުމުގެ ސަބަބުން ނިދި މެދުކެނޑުމާއި، އެންޒައިޓީގެ ސަބަބުން ސިކުނޑި ނުތަނަވަސްވެފައި ހުރުމަކީ އަރާމު ނިދިން މަހުރޫމްވާ ސަބަބުތަކެވެ. އެކަށީގެންވާ ނިދި ނުލިބުމުގެ ސަބަބުން ދުވާލު ގަޑީގައި ވަރުބަލިވުމާއި، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން ފަދަ އިތުރު މައްސަލަތައްވެސް މެނޮޕޯސްގެ ސަބަބުން ކުރިމަތިވެއެވެ.

މެނޮޕޯސްގެ ސަބަބުން ކުރިމަތިވާ މިފަދަ ނަފްސާނީ އަދި ޖިސްމާނީ ބަދަލުތަކަކީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލައިގެންވާނެ ކަންކަމެއް ނޫނެވެ. މި ދުވަސްވަރު ސިކުނޑިއަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެންޒައިޓީ އާއި ނިދީގެ މައްސަލަތަކަށް ސިއްހީ މާހިރުންގެ އިރުޝާދު ހޯދަން ޖެހެއެވެ. އަދި ދިރިއުޅުމުގެ އާދަތަކަށްވެސް މިދުވަސްވަރު އެކަށީގެންވާފަދަ ބަދަލުތައް ގެންނަން ޖެހެއެވެ. މީގެ ސަބަބުން އަންހެނުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، މި އުނދަގޫ މަރުހަލާ ފަސޭހަކަމާއެކު ގިރާކުރުމަށް މަގުފަހިވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު