މި ސަރުކާރުން ގެންގުޅޭ "ދަ ގްރޭޓަރ އައްޑޫ" ސިޔާސަތަކީ "އިންޑިއާ އައުޓް" ކެމްޕޭނާ އެއްފަދަ ބުހުތާނު ދަންތުރައެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިފަދައިން ވިދާޅުވީ، ހޯމް މިނިސްޓަރު އަލީ އިހުސާން "ދަ ގްރޭޓަރ އައްޑޫ" މި އިބާރާތް ބޭނުންކުރައްވައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ނިޒާރު ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ މަޝްވަރާގެ މަތިން މިހާރު ވަނީ އައްޑޫ ސިޓީގެ އެއްބައިވަންތަކަން ގެއްލުވާލައި، އެ ސިޓީ ރޫޅާލާފައެވެ.

އެ ޕޯސްޓުގައި ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއެއްގެ ގޮތުގައި އޮތް އޮތުން މި ސަރުކާރަށް "ހަޖަމް" ނުކުރެވުނު ކަމަށެވެ. އަދި އައްޑޫ ރޫޅާލުމަށް މަސައްކަތް ކުރި ފަރާތްތަކުން "ދަ ގްރޭޓަރ އައްޑޫ" އޭ ކިޔައިގެން ވާހަކަދައްކަނީ އޭގެ މާނަ އެނގިގެންތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

"މިއީ ހަމަ "އިންޑިއާ އައުޓް" ކަހަލަ ބުހުތާން ދަންތުރައެއް." ނިޒާރު ވިދާޅުވިއެވެ.

ނިޒާރު މިހެން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރު ސަރުކާރުން ނެގި ރިފަރަންޑަމް ވޯތަކަށްފަހު އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން އެއް ކައުންސިލެއްގެ ދަށުގައި އޮތް އައްޑޫގެ ރަށްތަކުގެ ތެރެއިން މީދޫ އާއި ހުޅުދޫ އަކީ ވަކި ދެ ރަށެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ. މިހާރު އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ހިމެނެނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ އެކަންޏެވެ.

މީގެ އިތުރުން، އައްޑޫގެ ތަރައްޤީއަށް މި ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ނިޒާރު ވަނީ ތަފާތު އެކި ފަހަރުމަތިން ވިދާޅުވެފައެވެ. އަދި އައްޑޫގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް މި ސަރުކާރު އައިފަހުން ހުއްޓިފައި ވާކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތް ކަމުގައިވާ ކަރަންޓުގެ ޚިދުމަތް ވެސް އެކަށީގެންވާ ގޮތެއްގައި މި ސަރުކާރަށް ފޯރުކޮށްނުދެވޭ ކަމަށް ވިދާޅުވެ ނިޒާރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު