ސަޢުޫދީ ޝާހީ ޢާއިލާގެ ބޭފުޅުން
ސަޢުޫދީ ޝާހީ ޢާއިލާގެ ބޭފުޅުން
ކޯވިޑް-19 އަށް ސައޫދީ ޝާހީ ޢާއިލާގެ އެތައް ބަޔަކު ޕޮޒިޓިވްވެއްޖެ ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓް ކޮށްފިއެވެ.

ނިއުޔޯކްޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައޫދީ ޝާހީ ޢާއިލާގެ 150 ބޭފުޅަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށާއި އޭގެތެރެއިން ބައެއް ބޭފުޅުންގެ ހާލުކޮޅު ބޮޑުވެގެން ސައޫދީ މަތީފެންވަރުގެ ހޮސްޕިޓަލްތަކުގެ އައިސީޔޫ ތަކުގައި އެބޭފުޅުންނަށް ގެންދަނީ ފަރުވާދެމުންނެވެ. ޕޮޒިޓިވްވި ބޭފުޅުންގެ ތެރެއިން ހާލު ބޮޑީ އުމުރުން ދުވަސްވީ ބޭފުޅުންކަމަށް ރިޕޯޓްގައިވެއެވެ. ސައޫދީ ޝާހީ ޢާއިލާގެ އެތައްް ބަޔަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވިކަން ސައޫދީ ސަރުކާރުން ސިއްރުކޮށްފައިވާ ކަމަށް ވެސް ސައޫދީ ބައެއް އިސް ބޭފުޅުންނާ ގާތްގުޅުންތަކެއް އޮންނަ "ނިޔުޔޯކް ޓައިމްސް"ގެ މުރާސިލަކާ ހަވާލާދީ އެނޫހުން ބުނެއެވެ.

"ނިޔުޔޯކް ޓައިމްސް" ބުނާގޮތުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި ސައޫދީ ޝާހީ އާއިލާގެ ބޭފުޅުންގެ ތެރޭގައި ވެރިރަށް ރިޔާޒްގެ އަމީރު (ވެރިޔާ) ފައިސަލް ބިން ބަންދަރު ބިން އަބްދުލްއަޒީރު އާލް ސައޫދު ހިމެނިވަޑައިގަންނަވަ އެވެ. އޭނާއާއި ޝާހީ އާއިލާގައި ހިމެނޭ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި އިސް ބޭފުޅުންނަށް ފަރުވާ ދެމުން ގެންދަނީ ރިޔާޒްގައި ހުންނަ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށްވެސް "ނިޔުޔޯކް ޓައިމްސް" ބުނެއެވެ.

މިކަމާ ގުޅިގެން ސަލްމާން ރަސްގެފާނުގެ ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން އެމަނިކުފާން ޝާހީ އާއިލާގެ ގަނޑުވަރެއްގައި އެކަހެރިކޮށްފައިވާ ކަމަށް "ނިޔުޔޯކް ޓައިމްސް" ބުނެއެވެ. ސަލްމާން ރަސްގެފާނަކީ އުމުރުފުޅުން 84 އަހަރު ވެފައިވާ އަދި ބަލިކޮށް އުޅުއްވާ ބޭފުޅެކެވެ. މީގެއިތުރުން ސައޫދީގެ ކްރައުން ޕްރިންސް، ނުވަތަ ވަލިއްޔުލް އަހުދު، މުހައްމަދު ބިން ސަލްމާން ވެސް ޖިއްދާގެ ޚާއްސަ ގަނޑުވަރެއްގައި އެކަހެރިވެ ވަޑައިގެން އުޅުއްވާ ކަމަށް އެނޫސް ބުނެ އެވެ.

ސައޫދީ ޝާހީ ޢާއިލާގެ އިތުރުން ސައޫދީ ސަރުކާރުގެ އިސް އެތަށް ބޭފުޅުންނަކަށްވެސް ކޯވިޑް-19 ޖެހިފައިވާ ކަމަށްވެއެވެ. އޭގެތެރެއިން ފުރާނައަށް ނުރައްކާވާ ހާލަތަށް ގޮސްފައިވާ ބޭފުޅުން ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގެ އައިސީޔޫގައި އެނދުމަތިކޮށްފައިވާކަން ވެސް "ނިޔުޔޯކް ޓައިމްސް" އިން ކަށަވަރުކޮށް ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން