އިރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަކީ އެ ގައުމުގެ ދިފާއީ ވަސީލަތެއް ކަމަށްވާތީ، އެކަމާ ބެހޭގޮތުން އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ވިދާޅުވެފައެވެ.

އޮމާންގެ މަސްކަޓްގައި އެމެރިކާއާއެކު ކުރިއަށްދިޔަ ނުސީދާ މަޝްވަރާތަކަށް ފަހު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވީ، އިރާނުގެ މިސައިލް ޕްރޮގްރާމަކީ ދުވަހަކުވެސް މަޝްވަރާ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެމެރިކާއިން އިރާނުގެ ބިމަށް ހަމަލާއެއް ދީފިނަމަ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވުނު މި މަޝްވަރާތަކަކީ "ރަނގަޅު ފެށުމެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރެއްވި ނަމަވެސް، މަޝްވަރާތައް ނިމުމާއެކު އޭނާ ވަނީ އިރާނާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އޭގެ ތެރޭގައި އިރާނާއެކު ވިޔަފާރިކުރާ ގައުމުތަކުގެ މުދަލުން ޓެރިފް ނެގުމާއި، އިރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމަށް ޝިޕިން ދާއިރާއަށް އަމާޒުކޮށް ފިޔަވަޅު އެޅުން ހިމެނެއެވެ.

މީގެ އިތުރުން އެމެރިކާއިން ބުނަމުންދަނީ "ބާރުގެ ބޭނުންކޮށްގެން ސުލްހަ ގާއިމުކުރުމުގެ" ސިޔާސަތު ކުރިއަށްގެންދާނެ ކަމަށެވެ.

މި މައްސަލައިގައި އިޒްރޭލުންވެސް ދަނީ ބޮޑު ދައުރެއް އަދާކުރަމުންނެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޓްރަމްޕާ ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، އިޒްރޭލުން ބާރުއަޅަނީ އިރާނުގެ މިސައިލް ޕްރޮގްރާމާއި ހަނގުރާމަވެރި ޖަމާއަތްތަކަށް ދޭ އެހީތެރިކަން ހުއްޓުވުން މަޝްވަރާގެ ތެރޭގައި ހިމެނުމަށެވެ. ނަމަވެސް އިރާނުން ތަކުރާރުކޮށް ބުނަމުންދަނީ ނިއުކްލިއާ މައްސަލައިން ބޭރު އެއްވެސް ކަމަކާ މަޝްވަރާ ނުކުރާނެ ކަމަށެވެ.

މި ސަބަބުތަކާހުރެ، ދެ ގައުމުގެ ދެމެދުގައި އޮތް ހަރުކަށި އުސޫލުތަކުގެ ސަބަބުން މި މަޝްވަރާތަކުން ދާއިމީ ހައްލެއް ފެނުމުގެ ފުރުސަތު ކުޑަކަމަށް މުހައްލިލުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު