އިދިކޮޅު އެމްޑީޕީއަށް ދެން ވެރިކަން ކުރަން ލިބޭ ފުރުސަތެއްގައި، ލާމަރުކަޒީ ނިޒާމު ހިންގުމަށް މިހާރު ދޫކުރާ މިންވަރަށް ވުރެ ބޮޑު ބަޖެޓެއް ކައުންސިލްތަކަށް ކަނޑައަޅާނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަމާޒުކޮށް ބ. ތުޅާދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، އެމްޑީޕީގެ އަމާޒަކީ މާލީ ގޮތުން ކައުންސިލްތައް މިހާރަށް ވުރެ ބޮޑަށް ބާރުވެރިކުރުވުން ކަމަށެވެ.

ޣަފޫރުގެ ވާހަކަފުޅުގައި، 2019 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހާއެކު، ދައުލަތުގެ އާމްދަނީގެ މަދުވެގެން ފަސް ޕަސެންޓް ކައުންސިލްތަކަށް ދޭން ފެށިކަން ފާހަގަކުރެއްވިއެވެ.

އެގޮތުން 2021 އިން ފެށިގެން 2023 އާ ހަމައަށް ކައުންސިލްތަކަށް ދޭ ފައިސާ 1.3 ބިލިއަނުން 1.8 ބިލިއަން ރުފިޔާއަށް އިތުރުކުރި ނަމަވެސް، މިހާރު އޮތް ޕީއެންސީގެ ސަރުކާރުން އެ ފައިސާ މަދުކޮށް، ނިޒާމު "ފުނޑުފުނޑު" ކޮށްލަން އުޅޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއަކާ ހަވާލާދީ ޣަފޫރު ވިދާޅުވީ، ރައްޔިތުން އެންމެ ބޮޑަށް އިތުބާރު ކުރަނީވެސް އަދި ހިތްހަމަޖެހޭ ޚިދުމަތެއް ލިބެނީވެސް ކައުންސިލްތަކުން ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކާއި ސިއްހީ މަރުކަޒުތަކަށް ވުރެ ބޮޑަށް، ރަށު ފެންވަރުގައި ކައުންސިލްތަކުން ދޭ ޚިދުމަތްތައް ފަސޭހަ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޣަފޫރު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ތަސައްވުރަކީ ރަށެއްގައި ހުންނަ ދައުލަތުގެ ހުރިހާ މުއައްސަސާއެއް އެ ރަށެއްގެ ކައުންސިލްގެ އިހުތިސާސްގެ ދަށަށް ގެނައުން ކަމަށެވެ. މި ބަދަލު ގެނައުމަކީ މަރުހަލާތަކަކަށް ބަހާލައިގެން ކުރަންޖެހޭ ކަމެއް ކަމަށާއި، އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން ޚިދުމަތް ދެވޭނެ ނިޒާމެއް ހަރުދަނާ ކުރުމަށް ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް