އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވަމުންދާތީ، އީރާނުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން ވަގުތުން އެ ގައުމުން ފޭބުމަށް އެމެރިކާ ސަރުކާރުން ހަރުކަށި އިންޒާރެއް ނެރެފިއެވެ.

އީރާނުގައި ހުންނަ އެމެރިކާގެ ވަރޗުއަލް އެމްބަސީން ނެރުނު މި އެޑްވައިޒަރީގައި ބުނެފައިވަނީ، ސަލާމަތީ ނުރައްކާތަކާއި، ދަތުރުފަތުރުގެ ދަތިތަކުގެ އިތުރުން އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، އެމެރިކާ ސަރުކާރުގެ އެހީތެރިކަމަކާ ނުލައި އަމިއްލައަށް ގައުމުން ބޭރުވުމުގެ ރޭވުމެއް އެމެރިކާ ރައްޔިތުންގެ އަތުގައި އޮންނަންވާނެ ކަމަށެވެ.

މި އިންޒާރު ނެރެފައިވަނީ އޮމާންގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ އީރާނާއި އެމެރިކާގެ ސީދާ މަޝްވަރާތަކުގެ ކުރިންނެވެ. މި ދަނޑިވަޅުގައި އީރާނުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ބައެއް މަގުތައް ބަންދުކޮށް، ދަތުރުފަތުރާއި އިންޓަނެޓްގެ ޚިދުމަތްތަކަށް ބުރޫއަރަމުންދާކަން އެމްބަސީން ފާހަގަކޮށްފައިވެއެވެ. އަދި އީރާނުން ބޭރުވާން ބޭނުންވާ ފަރާތްތަކުން އެއްގަމު މަގުން އަރްމީނިއާ ނުވަތަ ތުރުކީއަށް ދިއުމަށް ވެސް ވަނީ ލަފާދީފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން އެ ގައުމުގެ މުޒާހަރާވެރިންނާ ދެކޮޅަށް ހިންގާ ހަރުކަށި އަމަލުތަކާ ގުޅިގެން އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. މިގޮތުން ޖެނުއަރީ މަހުން ފެށިގެން އެމެރިކާގެ މަނަވަރުތައް ވަނީ ގަލްފް ސަރަހައްދަށް ފޮނުވާފައެވެ. އީރާނުގައި މިވަގުތު ތިބި އެމެރިކާ ރައްޔިތުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، އަމިއްލަ ސަލާމަތަށް ސަމާލުވުމަށާއި، އަދި ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި ޖަމާކޮށްގެން ރައްކާތެރި ތަންތަނުގައި ތިބުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އޮމާންގައި ބާއްވާ މި މަޝްވަރާތަކަކީ މިދިޔަ ޖޫން މަހު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާތަކަށްފަހު ދެ ގައުމުގެ ދެމެދުގައި ބޭއްވޭ ފުރަތަމަ ސީދާ ބައްދަލުވުމެވެ. އެމެރިކާގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ސްޓީވް ވިޓްކޮފް ބައިވެރިވާއިރު، އީރާނުގެ ފަރާތުން އިސްކޮށް ހުންނަވާނީ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއެވެ. އީރާނުން މި މަޝްވަރާތަކާ މެދު އުންމީދު އޮތް ކަމަށް ބުނި ނަމަވެސް، އެމެރިކާގެ ވައިޓް ހައުސްއިން ބުނެފައިވަނީ އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު