ގުޅިފައިވާ ކަމަށް ބުނާ ދެބެއިން
ގުޅިފައިވާ ކަމަށް ބުނާ ދެބެއިން
މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވާ "ގުޅިފައިވާ ދެބެން" ކަމަށް ބުނާ ވެލެރިއާ އަދި ކެމީލާއަކީ އަސްލު އިންސާނުން ނޫން ކަމަށާއި، އެއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ފޭކު އެކައުންޓެއް ކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފިއެވެ.

އިންސްޓަގްރާމްގައި 280،000 އަށް ވުރެ ގިނަ ފޮލޯވަރުން ހޯދާފައިވާ މި ދެބެންގެ އެކައުންޓުން ދަނީ އެމީހުންނަކީ އެމެރިކާގެ މިއާމީއަށް ނިސްބަތްވާ، އުފަންވީއިރުވެސް ބުރަކަށިން ގުޅިފައިވާ ދެބެން ކަމަށް ބުނެ ގިނަ ވީޑިއޯތަކާއި ފޮޓޯތައް ހިއްސާކުރަމުންނެވެ.

މި އެކައުންޓުން ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި، އެމީހުންނަކީ އޭއައި ނޫން ކަމަށާއި، އެއީ ހަގީގީ އިންސާނުން ކަމަށް ބުނެ ކުރިމަތި ފޭނުން ކުރި ސުވާލުތަކަށް ޖަވާބުދީ ދިފާއުވެފައެވެ. ނަމަވެސް، އޭއައި ޕްރޮމްޕްޓް އިންޖިނިއަރެއް ކަމަށްވާ އެންޑްރޫ ހަލްބާޓް ބުނާ ގޮތުގައި އެ ފޮޓޯތަކަކީ ސީދާ އޭއައި އިން އުފައްދާފައިވާ ފޮޓޯތަކެކެވެ. އޭނާ ފާހަގަކުރި ގޮތުގައި އެ ފޮޓޯތަކުގައި ފެންނަ މީހުންގެ ލޮލާއި، ހަށިގަނޑުގެ ބައްޓަމާއި، އަދި ފޮޓޯތަކުގެ ފެންވަރު އާދަޔާ ހިލާފަށް ފުރިހަމަވުމަކީ އެއީ އިންސާނުން ނޫންކަން އަންގައިދޭ ހެކިތަކެކެވެ.

މިފަދަ އެކައުންޓުތައް އުފައްދަނީ މީހުންގެ ސަމާލުކަން ހޯދައި، ގިނަ އަދަދެއްގެ ފޮލޯވަރުން މެދުވެރިކޮށް އާމްދަނީ ހޯދުމުގެ މަގުސަދުގައި ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ވެލެރިއާ އަދި ކެމީލާގެ އެކައުންޓަށް ކޮމެންޓްކުރާ ގިނަ ބަޔަކުވެސް އެއީ ފޭކު އެކައުންޓެއް ކަމަށް ބުނަމުންދާއިރު، ބައެއް މީހުން އަދިވެސް ގަބޫލުކުރަނީ އެއީ ހަގީގީ ދެބެން ކަމަށެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި އިންސާނުންނާއި އޭއައި ވަކިކުރަން ދަތިވާ މިންވަރަށް މިހާރު ކަންކަން ގޮސްފައިވާކަމުގެ އަލިގަދަ މިސާލެކެވެ.



ކިޔުންތެރިންގެ ހިޔާލު