ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން މިއަދު ފަށާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ގައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިއީ ދިވެހި ކުޅިވަރުގެ އާއިލާއިން އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަަގަކުރެއްވިއެވެ.

"ކުޅުންތެރީންނަށް ޚާއްޞަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ، ދިވެހި އެތުލީޓުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު