ސަރުކާރުގެ އަމަލުތަކުން ފެންނަނީ މުއައްސަސާތައް ގަޑުބަޑުކޮށް، އޮޅުވާލުމުގެ ތެރެއިން ފައިސާ ޗާޕުކުރަން މަސައްކަތް ކުރާ މަންޒަރު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި، މި ސަރުކާރުން ފައިސާ ޗާޕުނުކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެކަން ނުކުރައްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ސަރުކާރުން ތަކުރާރުކޮށް ފައިސާ ޗާޕުނުކުރާ ކަމަށް ބުނި ނަމަވެސް، ހަގީގަތުގައި ފެންނަނީ މުއައްސަސާތަކުގެ ތެރެއިން އޮޅުވާލައިގެން އެކަން ކުރަން އުޅޭތަން ކަމަށެވެ. އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާ ފުށުއަރާ ގޮތަށް، ނެތް ފައިސާ އިގްތިސާދުގެ ތެރެއަށް ނެރުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ފައްޔާޒު ވަނީ ދޮގުހެދުން ހުއްޓާލައި، މި މުއާމަލާތްތަކުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

މީގެ އިތުރުން، ޕެންޝަން އޮފީސް މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ނަގައިގެން ފައިސާ ޗާޕުކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށްވެސް މި ޕޯސްޓުގައި އަލިއަޅުވާލާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޕެންޝަން އޮފީހުގެ ސީއީއޯ އާއި ބޯޑުގެ ހަތަރު މެންބަރަކު އިސްތިއުފާ ދެއްވާފައިވާކަން ފާހަގަކުރަމުން، ފައްޔާޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ނިޒާމުގެ ބޭރުން ކަންކަން ކުރަން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު