ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް-
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް-
ކިތައްމެ ދިގު ރިޔާސީ ބަޔާނެއް އިއްވި ކަމުގައި ވީނަމަވެސް، އޭގައި އޮއްޓަރު ހުރި ރަނގަޅު ކަންކަން ނުހިމެނެންޏާ އެބަޔާނެއް ވާނީ ހުސް ހާސަރަކަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެެ.

ފައިސަލް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ސަރުކާރުން 10 ރިސޯޓެއް ތަރައްޤީކުރަން ނިންމާފައިވާކަން އިއުލާންކުރުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުން ހިއްސާކުރި ޕޯސްޓެއްގަައެވެ. އެ ޕޯސްޓުގައި ފައިސަލް ވަނީ މިކަމުން ދައުލަތަށް ލިބޭނެ ގެއްލުން ތަފްސީލުކޮށް ބަޔާންކޮށްދީފައެވެ.

އެގޮތުން ފައިސަލް ވިދާޅުވީ ‏ 2030 ވަނަ އަހަރު އަންނަންވާ އިރަށް ރާއްޖޭގެ އާބާދީ 5 ލައްކައަށް ވުރެ މަތިވާނެކަމަށް ތަފާސް ހިސާބު ތަކުން ދައްކާ ކަމަށެވެ. އެހެންވީއިރު، އާބާދީގެ ބޮލަކަށް 400 ޑޮލަރު ބަހަން، 200 މިލިއަން ޑޮލަރު 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރޭނެ ގޮތެއް ހިސާބު ތަކުން ނުދައްކާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

"‏މާލޭ ކައިރީގައި 150 ކޮޓަރީގެ ފައިވްސްޓާ ރިސޯޓެއް ހެދުމަށް މިހާރު ޑޮލަރުގެ އަގު ހުރި މިންވަރާއި ތަކެތީގެ އަގާއި އިމާރާތް ކުރުމުގެ ޚަރަދުތަކަށް ބަލާއިރު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭނުންވޭ. 10 ރިސޯޓު ހަދަން މި ދައްކަނީ 800 މިލިއަނެއްހައި ޑޮލަރު ހޯދާނެ ގޮތެއްގެ ވާހަކަ. ސޯޝަލް ހައުސިން އަށް ވެސް މި އުޅެނީ ފައިސާ ނުހޯދިގެން. އެހެން އޮއްވާ، ސަރުކާރުން ފައިވްސްޓާ ރިސޯޓެއް ހެދުމަށްޓަކައި މި އަދަދު ހޯދާނެ ގޮތެއް ނުވިސްނުނު." ފައިސަލް ވިދާޅުވިއެވެ.

‏މެދު ކެނޑުމެއް ނެތި މުޅި ދުނިޔެއަށް އިޤްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުން ތަކާއި، ފަތުރުވެރި ކަމުގެ ދާއިރާގައި އޮތް ވާދަވެރި ކަމުގެ ތެރެއިން، 500 ޑޮލަރަށް ރޫމެއް އެވްރެޖު ޑެއިލީ ރޭޓެއްގެ ގޮތުގައި ވިއްކިދާނެތޯ ވިދާޅުވެ ފައިސަލް ވަނީ ސުވާލު ކުރައްވާފައެވެ.

"500 ޑޮލަރުގެ ރޭޓުން 65 އިންސައްތައިގެ އޮކިއުޕެންސީއެއްގައި ރޫމް ރެވެނިއު ގޮތުގައި އެންމެ ގިނަވެގެން މި ލިބެނީ 17 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާއި ދެމެދުގެ މިންވަރެއް. ‏ރިސޯޓެއް ހިންގުމަށް ޓެކްސް ދެއްކުމާއި، މުވައްޒަފުންގެ މުސާރަ ދިނުމާއި އަދި އެހެނިހެން ޚަރަދުތައް ކަނޑާލުމަށް ފަހު ބާކީ ވާނީ ކިހާވަރެއްކަން އިނގޭތޯ؟ މިވަރު ރިސޯޓެއްގެ އޮޕަރޭޝަން ކިރިޔާ ހިފަހައްޓާލެވޭނީ 50 އިންސައްތަ އޮކިއުޕަންސީ މުޅި އަހަރުގެ ތެރޭގައި ހިފެހެއްޓިގެން. އަދި ކޮބައިތޯ ނަގާ ލޯނަށް ފައިސާ ދެއްކުން؟ މިކަމަށް ވެސް އެންމެ މަދުވެގެން 8 އަހަރުވަރު ބޭނުންވޭ. ‏މިދައްކަނީ 200 މިލިއަން ޑޮލަރު 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރެން ޖެހޭ ވާހަކަ." ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ‏ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ދިވެހި ރާއްޖެ މިއަދާ ހަމައަށް ދެމި އޮތީ، މި ސިނާއަތުގައި އަމިއްލަ ފަރާތްތަކުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އަދި މިހާތަނަށް އައިއިރު، ސަރުކާރުން ފަތުރުވެރި ކަމުގެ ސިނާއަތަށް ވަދެގެން ކުރި ކޮންމެ މަސައްކަތަކުން ލިބުނީ ގެއްލުން ކަމުގައިވެސް ފައިސަލް ފާހަގަކުރެއްވިއެވެ.

"‏ތަންދޮރު އޮޅުން ނުފިލުވައި، ހަމަ ހިތަށް އެރި ކޮންމެ އެއްޗެއް ރިޔާސީ ބަޔާނުގައި ވިދާޅުވީމާ، ރައްޔިތުން ކުރިމަތީގައި އިތުބާރު ގެއްލި، ވެރިޔަކަށް ހުންނަ މީހަކު ވިދާޅުވާ އެއްވެސް އެއްޗަކަށް ސަމާލުކަމެއް ނުދޭނެ. ‏ވިސްނަވާ! ކޮބައިތޯ ބިއްލޫރި ޓަނަލް؟ ކޮބައިތޯ އައްޑޫ ބްރިޖު؟ ކޮބައިތޯ ބަންކަރިން؟ ކޮބައިތޯ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް؟ ކޮބައިތޯ ގއ.ވިލިނގިލީގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓު؟ ކޮބައިތޯ ގދ.ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު؟ ކޮބައިތޯ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ނިންމަވާނެ ކަމަށް ވިދާޅުވި ކަންކަން." ފައިސަލްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

‏ރިޔާސީ ބަޔާން ވާން ޖެހޭނީ ރައްޔިތުންނަށް އުންމީދެއް ގެނުވައިދޭ، ޤައުމުގެ ކަންތައްތައް ކުރިއެރުވުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ހާމަ ކުރާ އެއްޗަކަށް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި އެއީ އެއްގޮތަކަށް ވެސް ނުވާނެ ވަރުގެ ކަންތަކުގެ ވާހަކަ ދައްކައި، ރައްޔިތުންނަށް ކަންކަން އޮޅުވާލާ އެއްޗަކަށް ވެގެން ނުވާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

"ކިތަންމެ ދިގު ބަޔާނެއް ދެއްވި ނަމަވެސް، އޭގައި އޮއްޓަރު ހުރި ރަނގަޅު ކަންކަން ނުހިމެނެންޏާ އެބަޔާނެއް ވާނީ ހުސް ހާސަރަކަށް. ‏ކުރަންވީ ކަމަކީ ސަރުކާރުން ކުރާ ބޭކާރު ޚަރަދު ކުޑަކޮށް، ސިޔާސީ ބޭނުމުގައި ވަޒީފާ އިތުރު ނުކޮށް، ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާ އެކު، އަމިއްލަ ފުދުންތެރިކަން އިތުރު ކުރުމަށް ހިތްވަރު ދިނުން." ފައިސަލް ވިދާޅުވިއެވެ.

އިޤުތިޞާދީ ފުދުންތެރިކަމާއި ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސް ދެވޭނީ މިގޮތަށް ކަންތައް ކުރުމުން ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު