ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު-
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު-
ސަރުކާރުގެ މުޅި ފޯކަސަ ހުރީ ހުރިހާ ވިޔަފާރިތަކަކަށް ސީދާ ގޮތުން ވަންނަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ސަރުކާރުން 10 ރިސޯޓެއް ތަރައްޤީކުރަން ނިންމާފައިވާކަން އިއުލާންކުރުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އަމީރު ވިދާޅުވީ ‏މިއަދުގެ ރިޔާސީ ބަޔާން ބޮޑަށް ވައްތަރީ ރައީސަކު އިއްވި ބާޔާނަކަށްވުރެ ދިމްޔާތު ކުންފުނީގެ ވެރިޔަކު ބޯޑު މެމްބަރުންނަށް އިއްވި އަހަރީ ރިޕޯޓަކާ ކަމަށެވެ.

"ގޮނޑިކޮއްކޮ މަޖިލީހަކަށް އިއްވި އެ ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ ކުރިޔަށް ހުރި އަހަރުތަކުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިވެެރިންނަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަން. ސަރުކާރުން މިހާރަށް ވުރެ ފުޅާކޮށް ވިޔަފާރިތަކަށް ވަންނާނެކަން." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިހާތަނަށް އަައި އިރު ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލަކަށް ވެގެން ދިޔައީ، މި ސިނާއަތުގައި ސަރުކާރުގެ ސީދާ ބައިވެރިވުން ނެތުމުން ކަމަށެވެ.

ސަރުކާރުގެ މުޅި ފޯކަސް ހުރީ ހުރިހާ ވިޔަފާރިތަކަކަށް ވަންނަން ކަން ފާހަގަކުރަމުން އަމީރު ވިދާޅުވީ މިއީ ގެއްލުން ބޮޑުވާނެ ބިރުވެރި ސިޔާސަތެއް ކަމަށެވެ.

"ސަރުކާރެއްގެ މަސްއޫލިއްޔަތަކީ ރެގިއުލޭޓްކުރުން. ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކުރުން. ވިޔަފާރިތައް ކުރިއެރުވުމަށް ކެޕިޓަލް ރެއިޒްކުރެވޭނެ ނިޒާމެއް ގާއިމްކުރުން. އަމިއްލަ ވިޔަފާރިތައް އިނދަޖައްސާލާ، ހުރިހާ ވިޔަފާރިއެއް ސަރުކާރުން ކުރުމެއް ނޫން." އަމީރު ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން 10 ރިސޯޓު ތަރައްޤީކޮށް އެތަންތަނުން ލިބޭ ފައިދާ ދިވެހި ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ޑޮލަރުން ޖަމާކުރަން ނިންމާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހި ރައްޔިތެއްކަމުގެ އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ހިއްސާދާރަކަށް ދިވެހި ކޮންމެ ރައްޔިތަކު ވެ، ދިވެހި ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން މާލީ މަންފާ ޖަމާވާން ފަށާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު