ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިންތިޚާބުގައި، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރުމަށް ޖުމްލަ 912 ކެނޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް (އީސީ) ފޯމު ހުށަހަޅައިފިއެވެ.

މީގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކުގެ އެކި މަޤާމުތަކަށް ވާދަކުރާ 495 ކެނޑިޑޭޓުންނާއި، ޑަބްލިއުޑީސީ އަށް ވާދަކުރާ 417 ކެނޑިޑޭޓުންނެވެ.

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްދިނުމަށް އެމްޑީޕީން އީސީގައި އެދުނު ނަމަވެސް، ކޮމިޝަނުން ނިންމާފައިވަނީ މުއްދަތު އިތުރު ނުކުރުމަށެވެ. އެހެންނަމަވެސް، ފޯމު ހުށަހެޅުމަށް ދީފައިވާ ވަގުތު އީސީން ވަނީ އިތުރުކޮށްދީފައެވެ.

އެގޮތުން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ހަވީރު 05:30 އަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 03:30 އިން ފެށިގެން ރޭގަނޑު 08:00 އާ ހަމައަށް ފޯމު ބަލައިގަތުމަށް ވަނީ ނިންމާފައެވެ.

މި އިންތިޚާބާ ގުޅޭގޮތުން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ ޕާޓީގެ ކެނޑިޑޭޓުންގެ ޙައްޤުތައް ގެއްލޭ ގޮތަށް ކަންކަން ކުރިއަށްދާކަން ފާހަގަކޮށްފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ އެހެނިހެން އިދާރާތަކުން މަސައްކަތް ކުރަމުންދަނީ ސަރުކާރަށް ނާޖާއިޒު ފައިދާ ލިބޭނެ ފަދަ ގޮތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު