ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް
ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް
ދައުލަތަށް ފައިސާ ހޯދުމަށްޓަކައި ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އުޅެނީ މަނީލޯންޑަރ ކުރަން ކަމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޓައުން ހޯލް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމިން ވިދާޅުވީ ދައުލަތަށް ފައިސާ ހޯދުމަށްޓަކައި ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ދަނީ މަނީލޯންޑަރ ކުރުމުގެ އަމަލުތަކެއް ހިންގަމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު ދަށްވެ، ސުކޫކު ފަދަ ވަސީލަތްތަކުން ފައިސާ ހޯދަން އުޅުނު ނަމަވެސް، އެކަން ކާމިޔާބުވަމުން ނުދާ ކަމަށެވެ. އަދި ބޭރުގެ ބާޒާރުން ފައިސާ ލިބެން އޮތީ 14 އިންސައްތަ ނުވަތަ 17 އިންސައްތަ ފަދަ ބޮޑު އިންޓްރެސްޓް ރޭޓެއްގައި ކަމަށާއި، އެކަމަށްވެސް އެދެވޭ ކޮންފަމޭޝަނެއް ލިބިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެތެރޭގެ މާލީ ބާޒާރަށް އަލިއަޅުއްވާލައްވަމުން ޔާމީން ވިދާޅުވީ، ތަކުރާރުކޮށް ޓީ-ބިލް ވިއްކަމުން ދިއުމުގެ ސަބަބުން، ބޭންކުތަކުގެ "އެޕެޓައިޓް" ނުވަތަ ޓީ-ބިލް ގަތުމުގެ ޝައުގުވެރިކަން މިހާރު ނެތް ކަމަށެވެ. އަދި ފައިސާ ޗާޕުކުރަން ބޭނުންނުވާ ކަމަށް ސަރުކާރުން ބުނާއިރު، ޕެންޝަން އޮފީހުގެ ތެރެއިން މަނީލޯންޑަރ ކުރަން އުޅުމުގެ ސަބަބުން އެ ތަނުގައި ހުންނެވި އިލްމީ ގާބިލް ބޭފުޅަކު އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"ޕެންޝަން އޮފީސް ތެރެއިން އުޅުނީ މަނީލޯންޑަރ ކުރަން. އެހެންވީމާ މިހެން އޮތްއިރު ކާކު ކޯޗެއްހޭ އޮޅުވާލަން ތިއުޅެނީ؟" ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ހިސާބުތަކަކީ ދޮގުހަދާނެ އެއްޗެއް ނޫން ކަމަށާއި ދައުލަތުގައި ފައިސާ ނެތްކަމީ އެންމެންނަށް އެނގޭ ހަގީގަތެއް ކަމަށެވެ. ދައުލަތުގެ ފައިސާ ހުސްވުމަކީ އުފާކުރައްވާ ކަމެއް ނޫން ކަމަށާއި، އޭގެ ހުރިހާ ނޭދެވޭ އަސަރެއް ކުރާނީ ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވެފައިވާއިރު ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވި އަހުމަދު އިނާޒް އިއްޔެ ވަނީ އިސްތިއުފާ ދެެއްވާފައެވެ. ޝޯޝަލް މީޑިޔާގައި އިސްތިއުފާދެއްވި ސަބަބު ބަޔާންކޮށް ކުރެއްވި ޕޯސްޓެއްގައި އިނާޒް ވިދާޅުވީ، ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ކުރެވުނު ގިނަގުނަ މަޝްވަރާތަކަށް ހައްލެއް ނުހޯދުނު ކަމަށެވެ. އަދި އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް އިނާޒު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު