ދިވެހި ބަހުގެ ދާއިރާއިން ފަހުގެ ތާރީޚެއްގައި ފެނިގެންދާނެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވާ، ޑރ. ހަސަން ހަމީދު އެކުލަވައިލެއްވި އިނގިރޭސި-ދިވެހި ބަސްފޮތް ވަރަށް އަވަހަށް ބާޒާރަށް ނެރުމަށް ތައްޔާރުވެއްޖެއެވެ.

މިއީ ބަސް ކުރިއެރުވުމަށް އުފައްދާފައިވާ ރަސްމީ މުއައްސަސާތަކަށް އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާ ދަނޑިވަޅެއްގައި، ދިވެހި ބަހަށް ޑރ. ހަސަން ކުރެއްވި ވަރަށް އަގުހުރި ޚިދުމަތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ފާހަގަ ކުރަމުންނެވެ.

ޖުމްލަ 1,992 ސަފުހާގެ މައްޗަށް އެކުލެވޭ މި ބިޔަ ބަސްފޮތުގައި އިނގިރޭސި ބަހުގެ 120،000 އަށްވުރެ ގިނަ ލަފުޒުގެ ދިވެހި މާނަ ވަނީ ހިމަނުއްވާފައެވެ. މިއީ ހަމައެކަނި ލަފުޒުތަކެއްގެ މާނަ އެކުލެވޭ ފޮތެއް ނޫނެވެ؛ މި ފޮތުގައި އިނގިރޭސި ލަފުޒުތައް ތާނައިން ކިޔާނެ ގޮތާއި، ބަސްބަހުގެ ބޭނުންކުރާ ގޮތުގެ އިތުރުން މަޖާޒީ މާނަތައް ވެސް ވަރަށް ތަފްސީލުކޮށް ހިމަނުއްވާފައިވެއެވެ.

މި މަސައްކަތަކީ އާދައިގެ ތަރުޖަމާއަކަށް ވުރެ ބޮޑަށް، ފުން ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް ކުރަށްވާފައިވާ މަސައްކަތެކެވެ.

އެގޮތުން ކިޔުންތެރިންނަށް އެންމެ ފަސޭހައިން މާނަ ދެނެގަނެވޭނެ ގޮތް ހެދުމަށްޓަކައި، ޑރ. ހަސަން ވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ތިން ހަތަރު ބަސްފޮތެއްގެ އެހީތެރިކަން ހޯއްދަވައި، ވަރަށް ފުރިހަމައަށް މި ފޮތް ތައްޔާރު ކުރަށްވާފައެވެ.

އަދި މިއީ ދިވެހި ބަހުން މިހާތަނަށް ނެރެވޭ މިފަދަ އެންމެ ބޮޑު އަދި އެންމެ މުއްސަނދި ބަސްފޮތަށް ވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު