އައިޑީއެފް
އައިޑީއެފް
ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވަމުންދާ ކަމުގެ ތުހުމަތުތައް އިޒްރޭލާއި ހަމާސްއިން އެކަކު އަނެކަކަށް ކުރަމުންދަނިކޮށް، އަނެއްކާވެސް ނުރައްކާތެރި ކުރިމަތިލުންތަކަކަށް ދެފަރާތުން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ސުލްހައިގެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައިވާ މި ދަނޑިވަޅުގައި، އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް އަލުން އެއްގަމު މަގުން އެރުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލަމުންނެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމާސްއިން ދަނީ ހަނގުރާމައިގައި ހަލާކުވި ޓަނަލްތައް މަރާމާތުކޮށް، އަސްކަރީ ގާބިލުކަން އަލުން ވަރުގަދަކުރަމުންނެވެ.

މާރިޗު މަހަށް ތާވަލުކޮށްފައިވާ މި އަސްކަރީ އޮޕަރޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ ޣައްޒާ ސިޓީއަށެވެ. މީގެ ބޭނުމަކީ ޣައްޒާގެ މައްޗަށް އިޒްރޭލު ސިފައިން އޮތް ބާރު އިތުރަށް ފުޅާކުރުން ކަމަށް 'ޓައިމްސް އޮފް އިޒްރޭލް' އިން ބުނެއެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި ހަތިޔާރު އުފުލުން މަނާކޮށްފައިވީ ނަމަވެސް، ހަމާސްއިން ދަނީ އީރާނުގެ އެހީތެރިކަމާއެކު ހަނގުރާމައިގެ ބަޖެޓު ވަރުގަދަކޮށް، އައު ހަނގުރާމަވެރިން ރެކްރޫޓްކުރަމުން ކަމަށް އިޒްރޭލާއި އަރަބި ގައުމުތަކުގެ އޮފިޝަލުން ތުހުމަތުކުރެއެވެ. މި ފައިސާ ހޯދަނީ ޓަނަލްތަކުގައި ފޮރުވާފައިވާ ފައިސާއާއި، ޣައްޒާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސްއިން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި ނުތަނަވަސްކަން ބޮޑުވެފައިވަނީ، ޣައްޒާ ސިޓީން އިޒްރޭލަށް އަމާޒުކޮށް ރޮކެޓް ހަމަލާއެއް ފޮނުވާލި ކަމަށް ބުނެ، ބުރާސްފަތި ދުވަހު އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައި ކުޑަކުދިން ހިމެނޭހެން 13 މީހަކު ޝަހީދުވުމާ ގުޅިގެންނެވެ. އިޒްރޭލުން ބުނާ ގޮތުގައި އެ ރޮކެޓް ހަމަލާއަކީ ސީޒްފަޔަރާ ހިލާފުވުމެކެވެ. ނަމަވެސް އެ ރޮކެޓް އިޒްރޭލާ ހަމައަށް ނުގޮސް ވެއްޓުނީ ޣައްޒާގެ ހޮސްޕިޓަލެއްގެ ކައިރިއަށެވެ. މީގެ ރައްދުގައި އިޒްރޭލުން ވަނީ ހަމާސްގެ ރޮކެޓް ފޮނުވާ ތަންތަނާއި ޓަނަލްތަކަށް އަމާޒުކޮށް ބާރުގަދަ ހަމަލާތަކެއް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު