އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތަށް ބޭނުންކުރާ ޓަގް ބޯޓެއް
އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތަށް ބޭނުންކުރާ ޓަގް ބޯޓެއް
މި ސަރުކާރުން ފެށި ބަންކަރިންގ ޚިދުމަތުން މިހާރު 282 މިލިއަން ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ސެޕްޓެމްބަރު 2024 ގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތްފެށި ހިސާބުން މިހާ ހިސާބަށް 282،105،591 ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. އަދި އެ ޚިދުމަތުގެ ސަބަބުން ޓެކުހުގެ ގޮތުގައި މިހާތަނަށް 24 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ ކުރިން ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ބަންކަރިންގެ ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެކަމުގެ ޔަގީންކަން ދެއްވި ސަޢީދު ވިދާޅުވީ، ބަންކަރިން ޚިދުމަތް ހޯދާ އުޅަނދުފަހަރުގެ 76 އިންސައްތައަކީ ރާއްޖެއަށް މުޅިން އަލަށް ގެނެސްގެން ޚިދުމަތް ދޭ އުޅަނދުފަހަރު ކަމަށެވެ.

އޭގެއިތުރުން ވަޒީރު ވިދާޅުވީ، ބަންކަރިންގ ޚިދުމަތުން ލިބުނު އާމްދަނީގެ ބޮޑު އިންސައްތަ އަކީ، ލޯ ސަލްފާ ފިޔުލް ކަމަށާއި އެއީ ރާއްޖެއަށް ކުރިން ގެނެސްގެން ބަންކާ ކުރި އެއްޗެއް ނޫން ކަމަށެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ވިޓޯލްއާ ގުޅިގެންނެވެ. އެ ކުންފުންޏަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

ބަންކަރިންގެ ޚިދުމަތް ދިނުމަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓު ބޭނުންކުރަމުންދާއިރު، އެންމެ ގިނައިން ޚިދުމަތް ދެވިފައިވަނީ މާލޭ ސަރަހައްދުންނެވެ. އެ ޚިދުމަތުގެ ތަފާސް ހިސާބު ދައްކާގޮތުން، އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އިންވެސްޓްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު