ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ވަގުތެއްގައި އެއްވެސް ސުވާލެއް ކުރުމެއްނެތި ފައިސާ ނަގައިދޭނެ ބޭފުޅުން ކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ތުހުމަތު ކުރައްވައިފިއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި އީސަ ވިދާޅުވީ، ކުރީގެ ސަރުކާރުގައި ފައިދާގައި ހިންގި ކުންފުނިތަކަށް މިހާރު ގެއްލުންވަމުންދަނީ އިންތިހާއަށް ކޮރަޕްޝަން އާންމުވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ކުންފުނިތަކުގެ ބޯޑުތަކަށް ލާފައިވަނީ ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައިވާ، ރައީސް އަންގަވާ ކޮންމެ ކަމެއް ސުވާލެއް ނެތި ކުރާނެ "ހޮވާލެވިފައިވާ" ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.



ހަމައެއާއެކު މަޝްރޫއުތައް ދޭނެ ކަމަށް ބުނެ ކުންފުނިތަކުގެ ބޯޑު މެންބަރުން ބޭރުގެ އިންވެސްޓަރުންގެ އަތުން ފާޅުކަން ބޮޑު ގޮތެއްގައި ލައްކަ ގިނަ ޑޮލަރު ނަގަމުންދާ ކަމަށް އީސަ ތުހުމަތު ކުރެއްވިއެވެ.

އަދި ކުންފުނިތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ރައީސް އޮފީހާ ހިއްސާކުރާ މުވައްޒަފުންނަށް ހިމާޔަތް ދިނުމުގެ ބަދަލުގައި، އެފަދަ ފަރާތްތައް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް އީސަ ވިދާޅުވިއެވެ. މީގެ މިސާލެއްގެ ގޮތުން ސްޓެލްކޯގެ ކުރީގެ މުވައްޒަފަކު ރައީސް އޮފީހުގެ މިނިސްޓަރަކަށް މައުލޫމާތު ހިއްސާކުރުމުން ވަޒީފާއިން ވަކިކުރި ހާދިސާ އޭނާ ފާހަގަކުރެއްވިއެވެ.

އީސަ އިތުރަށް ވިދާޅުވީ، މި ސަރުކާރަކީ ކޮރަޕްޝަން ހިންގާ މީހުންނަށް ހިމާޔަތްދީ، އެކަން ހުއްޓުވަން މަސައްކަތްކުރާ މީހުން ނިކަމެތިކުރާ ސަރުކާރެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު