ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް
ތަޢުލީމާއި، ސިއްހީ ޚިދުމަތާއި، ވަޒީފާގެ ފުރުސަތުތަކުގައި އޮންނަ ތަފާތުކުރުންތަކަކީ ގިނަ ފަހަރަށް ނުރުހުމާއި ހަރުކަށި ފިކުރަށް މަގުފަހިވާ ކަންތައްތައް ކަމަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެން.ޑީ.ޓީ.ވީގެ އަދިތްޔާ ރާޖް ކޯލްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފައިސަލް ވަނީ ދެކުނު އޭޝިއާގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮންޖެހުންތަކާ ބެހޭގޮތުންނާއި، ބަންގްލަދޭޝްގައި އިސްލާމީ ޖަމާއަތްތަކުގެ ނުފޫޒު ގަދަވަމުންދާ ދިއުމާމެދު އޮތް ކަންބޮޑުވުންތަކާ ބެހޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ.

ރާއްޖޭގެ ތަޖުރިބާގެ މައްޗަށް ބިނާކުރައްވައި އެޕްރޮގްރާމްގައި ފައިސަލް ވިދާޅުވީ، ހަރުކަށި ފިކުރު މަދުކުރެވޭނީ މުޖުތަމައުތައް ބައިވެރިކޮށްގެންނާއި، ހުރި ޝަކުވާތަކަށް ހައްލު ހޯދައިދީގެން އަދި ހަމަހަމަ ފުރުސަތުތައް ކަށަވަރުކޮށްދީގެން ކަމަށެވެ.

"އެންމެންނާ މެދުވެސް ހަމަހަމަކޮށް އަމަލުކުރެވޭކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވުމުން، ކަންކަން ރަނގަޅުވާން ފަށާނެ." ފައިސަލް ވިދާޅުވިއެވެ.

ހަމައެއާއެކު، ރައްޔިތުންނާ ވާހަކަދައްކައި، އެމީހުން މަޝްވަރާގެ މޭޒަށް ގެނެސް، އެންމެންނަށް އިހުތިރާމްކޮށްގެން މައްސަލަތައް ހައްލުކުރުމުގެ ޒިންމާ ލީޑަރުން އުފުލަންޖެހޭނެ ކަމަށްވެސް އެ ޕްރޮގްރާމްގައި ފައިސަލް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު