މަރްޔަމް ނަހްދާ ވަޙީދު   23 ޑިސެމްބަރު 2025 - 7:32
މީހެއްގެ ވިޝަން ބޯޑެއް-
މީހެއްގެ ވިޝަން ބޯޑެއް-
އާ އަހަރަކާ އަހަރެމެން ކުރިމަތިލާއިރު، އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް އާއަހަރުގައި ކަންތައްތަކެއް ހާސިލްކުރުމުގެ ފޮނި އުންމީދާއެކު، އާ އަޒުމްތަކެއް ކަނޑައަޅާނެއެވެ. އެކަމަށް ވަކިވަކި ލަނޑުދަނޑިތަކެއް ކަނޑައަޅާއި އެއާއެއްގޮތަށް އަމަލުކުރުމަށް މަސައްކަތްވެސް ކުރާނެއެވެ. އެގޮތުން މި ދުވަސްވަރުގައި ގިނަ ބަޔަކު ކުރާނެ އެއްކަމަކީ، އާ އަހަރަށް އެމީހުންގެ އަމާޒުތަކާއި ހުވަފެންތައް ކަނޑައެޅުމެވެ. މިކަމަށް އެހީތެރިވެދޭ އެއް ވަސީލަތެއްގެ ގޮތުގައި މިހާރު ދުނިޔޭގައި ވަރަށް ބޮޑަށް ޓްރެންޑްވެފައިވާ އެއްޗަކީ "ވިޝަން ބޯޑެ" ވެ.

ވިޝަން ބޯޑަކީ، އަމިއްލަ ނަފްސަށް ލޯމަތިން ފެންނަ ގޮތަކަށް، އަމާޒު ހާސިލުކުރުމަށްޓަކައި އެހީތެރިވެދޭ ޕްލެޓްފޯމެކެވެ. މިއީ އަމިއްލަ ހުވަފެންތަކާއި، ލަނދުދަނޑިތަކާއި، އުންމީދުތައް ދައްކައިދޭ ފޮޓޯތަކާއި، ލިޔުންތަކާއި، އެހެނިހެން ތަކެތި ހިމެނޭ ބޯޑެކެވެ. މި ބޯޑު ބެހެއްޓިފައި ހުންނަނީ ގިނައިން ފެންނަ ތަނެއްގައި ކަމުން، އެއިން އަމާޒުތައް ހަނދާންކޮށްދީ، ހިތްވަރު ލިބިގަތުމަށް ބާރުއަޅައެވެ.

އާ އަހަރަށް ވިޝަން ބޯޑު ހެދުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ޓްރެންޑު ވެފައިވާ ކަމެކެވެ. ގިނަ ބަޔަކު އެމީހުންގެ ވިޝަން ބޯޑުތައް ހަދާގޮތާއި، އެއިން ފެންނަ ކަންކަން މީސްމީޑިއާގައި ހިއްސާކުރެއެވެ. މިއީ ހަމައެކަނި ފެޝަނަކަށްވުރެ ބޮޑަށް، އަމިއްލަ ދިރިއުޅުމުގެ ކަންކަން ރޭވުމަށް އެހީތެރިވެދޭ އަދި ކާމިޔާބީއަށް މަގުދައްކައިދޭ މުހިންމު ވަސީލަތެއްގެ ގޮތުގައި ގަބޫލުކުރެވެއެވެ. އާ އަހަރު ފެށުމާއެކު، އާ ފެށުމެއް ފެށުމުގެ ރޫހުގައި، މިފަދަ ބޯޑުތައް ހަދަނީ، މުޅި އަހަރުގެ ތެރޭގައި ކުރަން ބޭނުންވާ ކަންކަން ފެންނަ ގޮތަށް ބެހެއްޓުމަށެވެ.

ވިޝަން ބޯޑެއްގައި ހިމަނައިފާނެ ކަންކަމުގެ ތެރޭގައި އެކި ދާއިރާތަކަށް ހާއްސަ ކަންތައްތައް ހިމެނެއެވެ. މިސާލަކަށް، މާލީ މިނިވަންކަން ހޯދުމުގެ އަމާޒެއް ނުވަތަ ވަކި އަދަދެއްގެ ފައިސާ އެއްކުރުމުގެ އަމާޒެއް ހުރިނަމަ، އެކަން ދައްކައިދޭ ފޮޓޯއެއް ނުވަތަ ލިޔުމެއް ބޯޑުގައި ހިމަނެއެވެ. ހަމައެހެންމެ، ވަޒީފާގެ ކުރިއެރުންތައް، ނުވަތަ އައު މަސައްކަތެއް ފެށުން ފަދަ ކަންކަންވެސް ހިމެނިދާނެއެވެ. އަމިއްލަ ސިއްހަތާއި ރޫހާނީ ތަރައްގީއަށްޓަކައި، ކަސްރަތު ކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުން، ނުވަތަ ގުރުއާން ކިޔެވުމާއި ދީނީ އިލްމު އުނގެނުން ފަދަ ކަންކަންވެސް ބޯޑުގައި ހިމަނައިގެން، އަމިއްލަ ނަފްސަށް ހަނދާންކޮށްދެވިދާނެއެވެ. މީގެ އިތުރުން ދަތުރުކުރުމުގެ ހުވަފެންތަކާއި، އާ ތަންތަން ދެކުމުގެ އުންމީދުތައް، އަދި އަމިއްލަ ގުޅުންތައް ބަދަހިކުރުން ފަދަ ކަންކަންވެސް ވިޝަން ބޯޑުގައި ހިމަނައިގެން، މުޅި އަހަރަށް އަމާޒުތަކެއް ކަނޑައެޅިދާނެއެވެ.

ވިޝަން ބޯޑެއް ހެދުމުން ގިނަ ފައިދާތަކެއް ލިބެއެވެ. ފުރަތަމަ ކަމަކަށް، މިކަމުން އަމާޒުތައް ކަނޑައެޅުމުގައި އިތުރު ސާފުކަމެއް ލިބެއެވެ. އެއްޗެއް ލިޔެގެން ނުވަތަ ފޮޓޯއަކުން ދައްކާލުމުން، އެކަން ބޮޑަށް ސާފުވެ، އެއަށްޓަކައި މަސައްކަތް ކުރުމަށް ފަސޭހަވެއެވެ. ދެވަނައަށް، ވިޝަން ބޯޑަކީ އަމިއްލަ ނަފްސަށް ހިތްވަރެއް ދޭ ވަސީލަތެކެވެ. ދުވާލަކު އެތައް ފަހަރެއް ދުވާލު ތިމާގެ އަމާޒުތައް ފެންނަން ހުންނައިރު، އެކަންކަމަށްޓަކައި މަސައްކަތް ކުރުމަށް އިންކާރުކުރުން އުނދަގޫވެއެވެ. ގަވާއިދުން އެއަށް ބަލައިލުމުން، އެ އަމާޒުތަކަށް ވާސިލުވުމަށް އިތުރު ހިތްވަރަކާއި ރޫހެއް ލިބިދެއެވެ.

މީގެ އިތުރުން، ވިޝަން ބޯޑަކީ އަމާޒުތަކަށް ފޯކަސް ކުރުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. މިއީ ދިރިއުޅުމުގެ އެހެން ކަންކަމުގެ ތެރެއިން އަމާޒުތައް ހަނދާންނެތިގެން ދިޔަ ނުދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ހަމައެއާއެކު، ވިޝަން ބޯޑު މެދުވެރިކޮށް އަމާޒުތައް ވިޝުއަލައިޒް ކުރެވޭތީ، އެކަންކަން ހާސިލުވުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށްވެސް އެހީތެރިވެދެއެވެ.

އާ އަހަރަކީ އާ ބާބެއް ހުޅުވޭ ދުވަހެކެވެ. މި ފެށޭ އަހަރު ހަމައެކަނި ހުވަފެން ދެކުމުގެ ބަދަލުގައި، އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އަމަލީ ގޮތުން މަސައްކަތް ކުރުމަށްޓަކައި ވިޝަން ބޯޑެއް ތައްޔާރުކުރުމަކީ ކުރެވިދާނެ މުހިންމު ކަމެކެވެ. އެހެންކަމުން، މި އާ އަހަރާ ދިމާކޮށް ކޮންމެ މީހަކުވެސް އަމިއްލަ ވިޝަން ބޯޑެއް ހަދާލުމަކީ ރަނގަޅު ހިޔާލެކެވެ. މިއީ ލަނޑުދަނޑިތައް ހާސިލް ކުރަން ލިބޭ އިތުރު ބާރަކަށް ވާނެކަން ހަމަ ޔަގީނެވެ.



ކިޔުންތެރިންގެ ހިޔާލު