ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާޢިލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާޢިލް ޒަރިޔަންދު
ދަޢުލަތުގެ މާލީ ސިޔާސަތުތައް ރާވައި ތަންފީޒު ކުރަންވާނީ އަންނަންއޮތް ޖީލުތަކަށް ބުރައަކަށް ނުވާގޮތަށް ކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިހެން ވިދާޅުވީ ގަލޮޅުގެ ރައްޔިތުންނާ ރައީސް ޑރ. މުޢިއްޒު ބައްދަލު ކުރެއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އޭނާ ވަނީ ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މާލިއްޔަތު ޤަވާއިދަށް ގެނެސްފައިވާ ބަދަލުތަކާއި، ދައުލަތުގެ މަޝްރޫޢުތައް ދޫކުރާ އުޞޫލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

މާލިއްޔަތު ޤަވާއިދަށް އިސްލާޙު ގެންނަ ކޮމިޓީގައި 15 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައިވާ ޒަރިޔަންދު ވިދާޅުވީ، މާލިއްޔަތު ޤާނޫނާއި، މާލިއްޔަތު ޤަވާއިދުގައި ސަރުކާރުން ސިޔާސަތުތައް ރާވައި ތަންފީޒު ކުރުމުގައި އަންނަން ހުރި ޖީލުތަކަށް ބުރައެއް ނުވާނެހެން ކަންތައްތައް ކުރުމަށް ލާޒިމު ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ 2002 އިން 2017 އާ ދެމެދު އެ ކޮމިޓީގައި މަސައްކަތް ކުރެއްވިއިރު، ވެރިކަމުގައި ހުންނެވި ވެރިއަކަށް ބެލުމެއް ނެތި މި އުޞޫލު ދަމަހައްޓާފައިވާ ކަމަށެވެ. އަދި މާލިއްޔަތު ޤަވާއިދުގެ ދަށުން، މަޝްރޫޢުތައް ސީދާކޮށް ދޫކުރާ އިރުވެސް، މުހިންމު 3 ކަމަކަށް ބަލާ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އެއީ، ކުންފުނީގެ މާލީ ޤާބިލުކަމާއި، ހަވާލުކުރެވޭ މަސައްކަތް ކުރުމުގެ ޤާބިލުކަން ކުންފުނީގައި ހުރި މިންވަރާއި، އަދި ދައުލަތަށް މާލީ ގެއްލުމެއް ނުވާނެކަން ކަށަވަރުވުން ނުވަތަ މަޝްރޫޢު ދޫކުރުމުގެ ސަބަބުން ދައުލަތަށް މާލީ ރައްކާތެރިކަން ލިބުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޒަރިޔަންދު ވިދާޅުވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާލިއްޔަތު ޤަވާއިދުގެ 10.22 އަށް ގެނައި އިޞްލާޙު ރަނގަޅު ކަމަށާއި، ނަމަވެސް މާލިއްޔަތު ޤަވާއިދަށް މިހާތަނަށް ހަތަރު ފަހަރު އިޞްލާޙު ގެނެސްފައިވާއިރު، އޭގެ ތެރެއިން އޮކްޓޯބަރު މަހު ގެނައި އިތުރު އިޞްލާޙަކުން ރައްކާތެރިކަމުގެ މުހިންމު ހަމަތައް އުނިކޮށްފައިވާ ކަމަށް ޒަރިޔަންދް ވިދާޅުވިއެވެ.

ޒަރިޔަންދު ވިދާޅުވީ، އޮކްޓޯބަރު މަހު އުނިކުރި މާއްދާގައި ހިމެނެނީ، މަޝްރޫޢުތަކަށް ހުށަހަޅާ ކުންފުނިތައް ދައުލަތުގެ ކޮންޓްރެކްޓްތައް ހޯދުމަށް ނުފެތޭނެ ޙާލަތްތައް ކަމަށެވެ. އަދި މި މާއްދާ އުނިކުރުމަށްފަހު، އޮކްޓޯބަރު މަހުގެ މެދުތެރޭގައި ބޭއްވުނު އާންމު ހަފުލާއެއްގައި 53 ކުންފުންޏަކަށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަރިޔަންދު ވިދާޅުވީ އެ ކުންފުނިތަކުގެ ހާލަތު ބައްލަވައިފައިވާ ކަމަށާއި، އޭގެ ތެރެއިން 10 ވަރަކަށް ކުންފުނި ހުރީ އުވާލުމުގެ މަރުޙަލާގައި ނުވަތަ މަސައްކަތް ހުއްޓާލާފައި ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވީ، މަޝްރޫޢުތައް ދޫކުރެވުނު ކޮންސްޓްރަކްޝަން ކުންފުނިތައް ކޮންޓްރެކްޓް ރަޖިސްޓަރީގައި ކްލެސިފިކޭޝަން ކޮށް ރޭޓް ކުރެވިފައި ހުންނަންޖެހޭ ކަމަށެވެ. އަދި ބައެއް ބޮޑެތި މަޝްރޫޢުތައް، ކަނޑައަޅާފައިވާ ކްލެސިފިކޭޝަންގެ މިންގަނޑުތަކަށް ނުފެތޭ ކުންފުނިތަކަށް ދޫކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލިއްޔަތު ޤަވާއިދުގެ 10.22 އަށް ގެނެސްފައިވާ އިޞްލާޙު މުރާޖަޢާ ކުރެއްވުމަށް ރައީސަށް ގޮވާލައްވަމުން، ޒަރިޔަންދު ވިދާޅުވީ މިހާރުގެ އުޞޫލުގެ ސަބަބުން ދައުލަތަށް މާލީ ގެއްލުންތަކެއް ލިބުމުގެ ނުރައްކާ ބޮޑުވާ ކަމަށެވެ. އަދި މި ހާލަތަކީ އދ. އިން ކަނޑައަޅާފައިވާ ކޮރަޕްޝަންގެ ތަޢުރީފާ އެއްގޮތްވާ ކަމެއް ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ހަމައެއާއެކު ޒަރިޔަންދު ވިދާޅުވީ މާލިއްޔަތު ޤަވާއިދަށް ތަކުރާރުކޮށް އިޞްލާޙު ގެނައުމުގެ ސަބަބުން ޖަވާބުދާރީވުމުގެ ނިޒާމުތައް ބަލިކަށިވެފައިވާ ކަމަށެވެ. އަދި ބޭންކުތަކުން ދައުލަތުގެ މަޝްރޫޢުތައް ހިންގުމަށް ކުންފުނިތަކަށް ލޯނު ދޭކަން ފާހަގަކުރަށްވަމުން، ޒަރިޔަންދު ވަނީ، މި ލޯނުތައް ނުހޯދި ނުވަތަ ފައިސާ ގެއްލިއްޖެނަމަ، އެންމެ ފަހުން އެކަމުގެ ޒިންމާ ނަގަންޖެހޭނީ ދައުލަތަށް ކަމަށެވެ.

އޭގެއިތުރުން ޒަރިޔަންދު ވިދާޅުވީ 2026 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި 160 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަންނަން ހުރި ޖީލުތަކަށް ދައުލަތުގެ މާލިއްޔަތު ރައްކާތެރިކުރުމަށްޓަކައި އިޞްލާޙީ ބަދަލުތައް ގެނައުމަށް ގޮވާލައްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު