އޭސީސީގެ ވެރިން ރަސްމީ ދަތުރެއްގައި
އޭސީސީގެ ވެރިން ރަސްމީ ދަތުރެއްގައި
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ޤާނޫނު އަސާސީގެ 199ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު މުއައްސަސާއެކެވެ. އެ މުއައްސަސާގެ މައިގަނޑު މަސައްކަތަކީ ދަޢުލަތުން ގެއްލިފައިވާ ފައިސާ ހޯދުމާއި، އެފަދަ މައްސަލަތައް ތަހުގީގުކޮށް ކަމާބެހޭ ފަރާތްތަކަށް އެ މައްސަލަތައް ހުށައެޅުމެވެ. އޭގެއިތުރުން ކޮރަޕްޝަނާމެދު ޢާއްމުން ހޭލުންތެރި ކުރުވުމަކީވެސް އެކޮމިޝަންގެ މަސްއޫލިއްޔަތެކެވެ.

އޭސީސީގެ އަހަރީ ރިޕޯޓް ދައްކާގޮތުން ފާއިތުވީ 5 އަހަރު އެކޮމިޝަނުން ދުނިޔޭގެ އެތަން މިތަނަށް ކޮށްފައިވާ ދަތުރުތަކަށް ގާތްގަނޑަކަށް 2.3 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ނަމަވެސް، މި ދަތުރުތަކުގެ ސަބަބުން ރައްޔިތުންނަށް ބަލައިގަނެވޭ ފެންވަރުގެ އެއްވެސް ނަތީޖާއެއް އެކޮމިޝަނަށް ދައްކުވައި ދެވިފައި ނުވާކަމަކީ ފެންނަން އޮތް ޙަޤީޤަތެކެވެ. އަދި މިއީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރުންކަމަށް ދެކޭ ރައްޔިތުންގެ ޢަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

އޭސީސީގެ އަހަރީ ރިޕޯޓަށް ބަލާއިރު، 2024 ވަނަ އަހަރު އޭސީސީން ވަނީ ކޮމިޝަންގެ ޚަރަދުތަކަށް 47.6 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި އޭގެތެރެއިން 1.2 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ އެކިއެކި ދަތުރުތަކަށެވެ. އޭސީސީގެ މި ދަތުރުތައް ކޮށްފައިވަނީ ޔޫއޭއީ، ޗައިނާ، ލިތުއޭނިއާ، އޮސްޓްރޭލިއާ އަދި ޤަޠަރު ފަދަ ޤައުމުތަކަށް ކަމަށް މީސްމީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ މަޢުލޫމާތުތަކުން ހާމަވެއެވެ. މި ދަތުރުތަކަކީ "ތަމްރީނު ދަތުރުތައް" ކަމަށް އޭސީސީން ސިފަކުރި ނަމަވެސް، މި ދަތުރުތަކުގައި ލިބުނު ތަމްރީނަކުން އޭސީސީގެ ދުވެއްޔަށް ބަދަލެއް ގެނެވިފައެއް ނުވެއެވެ. އޭސީސީގެ ފަރާތުން ފެންނަމުންދަނީ ފަހަތުފަޔަށް ބުރަވެތިބެ، މަޑުދުވެލީގައި، ރައްޔިތުންނަށް އެކަށީގެންވާ ނަތީޖާއެއް ނެރެދިނުމެއްނެތި، ބަހަނާތަކުގެ ނިވަލުގައި މުސާރަނަގަން ތިބޭ މަންޒަރެވެ.

އޭސީސީގެ ދަތުރު ޚަރަދުތައް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާއިރު، ރާއްޖޭގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ޢަމަލުތައް ކޮންމެ އަހަރަކުވެސް ނިސްބަތުން ދަނީ އިތުރުވަމުންނެވެ. ކޮރަޕްޝަން ހިންގާ ފަރާތްތައް ހުއްޓުވުމުގައި އޭސީސީ ފެއިލްވަމުންދާއިރު އެކޮމިޝަން ފެންނަމުންދަނީ އެއިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ ކަންކަމަށް މަގުފަހިކޮށްދޭ މުއައްސަސާއެއްގެ ގޮތަށެވެ.

އޭސީސީއަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ، ސަރުކާރަށް ޚިދުމަތް ކުރުމަކީ އޭސީސީއަށް ލިބޭނެ ކާމިޔާބީއެއް ނޫން ކަމަށެވެ. އަދި މިއަދު އޭސީސީ ވެފައިވަނީ، މިނިވަން ކޮމިޝަނަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކޮށް ޢާންމު ރައްޔިތުންގެ ފައިސާއިން ދުނިޔެ ކުޑަކޮށް ޕިކްނިކް ދަތުރުކުރާ ބަޔަކަށް ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އޭސީސީގެ ދަތުރުތަކަށް ކޮށްފައިވާ ޚަރަދާއި، ދަތުރުތަކުން ރާއްޖެއަށް ލިބުނު ފައިދާއާއި، ދަޢުލަތަށް އޭސީސީން ހޯދާދީފައިވާ ފައިސާގެ އަދަދާ ބެހޭގޮތުން ޢާއްމުން ދަނީ މީސްމީޑިއާގައި ސުވާލުތައް އުފައްދަމުންނެވެ.

ކަންމިހެން އޮތްއިރު ފާހަގަވާ އަނެއްކަމަކީ މިހާރު އޭސީސީގައި ތިއްބެވި ބައެއް ބޭފުޅުންނަކީ މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައިވެސް އެމުއައްސަސާގައި ތިއްބެވި ބޭފުޅުން ކަމެވެ. އަދި އެބޭފުޅުންގެ ވަފާތެރިކަން އޭރު އޮތީ އެމްޑީޕީއަށް ކަމަށްވާއިރު، ސަރުކާރު ބަދަލުވުމާއެކު މިހާރު ވަފާތެރިކަން ބަދަލުވެފައިވަނީ ޕީއެންސީއަށް ކަމަށް ފާޑުކިޔާ ފަރާތްތަކުން ވިދާޅުވެއެވެ. އެގޮތުން އޭސީސީގެ ރައީސް ވެސް ދާދިފަހުން ވަނީ ޕީއެންސީގެ ސުޕަރ މެޖޯރިޓީގެ ތާޢީދާއެކު އެމަނިކުފާނުގެ މަޤާމު ދަމަހައްޓަވައިފައެވެ. އެހެންކަމުން މިނިވަން ކޮމިޝަންތަކުން ނަތީޖާ ނުނެރެވޭނަމަ އެކަމާ ދެކޮޅަށް ރައްޔިތުން ފާޅުގައި ބަސްބުނަން ޖެހޭކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރަށްވާ ބޭފުޅުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު