ޝުޖާއު އަދި ފަލާހު
ޝުޖާއު އަދި ފަލާހު
ރައީސް ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބާއްވަން ހަމަޖެހިފައިވާ "ރިސެޓް" ޖަލްސާ ގައި އިނގުރައިދޫ ދާއިރާ ގެ މެމްބަރު އިބްރާހިމް ފަލާހު އަދި ބާރަށު ދާއިރާ ގެ މެމްބަރު އިބްރާހިމް ޝުޖާއު ގެ ވާހަކަ ނުދެއްކިޔަސް ޖަލްސާ ބައްލަވާފައި، އެ ރޭ އެ ދެބޭފުޅުންނަށް ނިދިނުކުރެއްވޭނެ ކަމަށް ޕީއެންއެފް ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން "ރިސެޓް" ގެ ނަމުގައި ސިޔާސީ ހަރަކާތެއް ފަށަން ތައްޔާރުވެފައިވާއިރު މާދަމާ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ބާއްވާ މި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެއެވެ. އަދި ސިޔާސީ މުހިއްމު ކަންތައްތަކެއް ހާމަ ކުރައްވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މަލީހު ވިދާޅުވީ ބޮޑޫ ޖަލްސާ ގައި ފަލާހު އަދި ޝުޖާއު ގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަލިއަޅުވާލާނީ ގައުމަށް މިވަގުތު ދިމާވެފައިވާ ހަގީގީ ބޮޑެތި މައްސަލަތަކަށް ކަމަށެވެ. މި ޖަލްސާގައި ފަލާހު އަދި ޝުޖާއު ގެ ވާހަކަ ނުދެއްކެވިޔަސް އެ ރޭ އެދެބޭފުޅުން ނިދި ނުކުރައްވާނެ ކަމަށެވެ.

"ރިސެޓް" ޖަލްސާ އަކީ ވަރަށް ބޮޑު ހަރަކާތެއް ކަމަށާއި ހާއްސަކޮށް ސަރުކާރު ގެ ފަރާތްތަކަށް އޮތް ބޮޑު ސަޕްރައިޒެއް ކަމުގައި މަލީހު ވިދާޅުވިއެވެ. ސަރުކާރު ގެ އިސް ބޭފުޅުން ޖަލްސާ ބައްލަވާއިރު ހަޖަމްކުރުމަށް ވެސް މަލީހު އިލްތިމާސް ކުރެއްވި އެވެ.

ރައީސް ޔާމީންއި ޕީއެންއެފުން ގެންދަނީ ކޮންމެ ހަފުތާއަކު ވެސް ސިޔާސީ ހަރަކާތްތައް ބާއްވަމުންނެވެ. މީގެ ކުރިން "ރައިޒް އަޕް" ގެ ނަމުގައި ވެސް ޔާމީން އިސްވެ ހުންނަވައި ވަނީ ސިޔާސީ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު