ހައިކޯޓު
ހައިކޯޓު
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ހުޅުވާލައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހައި ކޯޓަށް ދެ ފަނޑިޔާރުން ބޭނުންވާ ކަމަށެވެ.

ފަނޑިޔާރަށް ކުރިމަތިލާ ފަރާތުގެ ޝަރުތުތަކަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުމެވެ.

ހައި ކޯޓްގެ ފަނޑިޔާރެއްގެ އަސާސީ މުސާރަ އަކީ 45700 ރުފިޔާއެވެ. މީގެ އިތުރުން ލިވިން އެލަވަންސަށް މަހަކު 18000 ރުފިޔާ އާއި ރިސްކް އެލަވަންސަށް މަހަކު 3300 ރުފިޔާ ލިބޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އެލަވަންސާއި ފޯނު އެލަވަންސް ވެސް ލިބޭނެއެވެ.

ޖޭއެސްސީން ބުނީ މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

ހައިކޯޓަކީ 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ކޯޓެކެވެ. ނަމަވެސް މިހާރު އެ ކޯޓުގައި ތިއްބެވީ 9 ފަނޑިޔާރުންނެވެ. ހައިކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގެންނެވި ފަނޑިޔާރު، މުހައްމަދު ނިޔާޒް ފަނޑިޔާރުކަމުން ރިޓަޔަ ކުރައްވައި، ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ފައިސަލް ދާދި ފަހުން އިސްތިއުފާ ދެއްވާފައި ވާތީއެވެ.



ކިޔުންތެރިންގެ ހިޔާލު