ފަނޑިޔާރު ނިޔާޒް
ފަނޑިޔާރު ނިޔާޒް
23 އަހަރު ޝަރުއީ ދާއިރާއަށް ޚިދުމަތް ކުރެއްވުމަށް ފަހު ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒް ޝަރަފުވެރިކަމާއެކު އިއްޔެ މަގާމުން ރިޓަޔަރ ކުރަށްވައިފިއެވެ.

ހައިކޯޓުން ބުނީ އިއްޔެ އަކީ ފަނޑިޔާރު ނިޔާޒު އެ ކޯޓުގައި މަސައްކަތް ކުރަށްވާނެ އެންމެ ފަހު ދުވަސް ކަމަށެވެ. ނިޔާޒު ވަނީ މަސައްކަތުގެ ފަހު ދުވަހުވެސް ބައެއް ޝަރީއަތްތަކުގައި ބައިވެރިވެވަޑައިގެން، ދެ މައްސަލައެއްގެ ހުކުމް ކުރައްވާފައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުން ވެސް މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވި ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރެއްވީ ސިއްހީ ސަބަބުތަކަކަށްޓަކައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ފަނޑިޔާރު ނިޔާޒު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 2002، ސެޕްޓެމްބަރު 30ގައި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. އަދި ފަހުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ކުރެއްވިއެވެ.

މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރެއްވި ފަނޑިޔާރު ނިޔާޒު ހައި ކޯޓަށް އައްޔަން ކުރެއްވީ ޖެނުއަރީ، 2018ގައެވެ.

ފަނޑިޔާރު ނިޔާޒް ރިޓަޔަރ ކުރަށްވާފައިވާއިރު، ދާދިފަހުން ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު