މަސްދޯންޏެއް-
މަސްދޯންޏެއް-
އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއްގެ ޑިޒައިން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ "ޓްރާންސްފޯމިން ފިޝަރީޒް ސެކްޓަރ މެނޭޖްމެންޓް އިން ސައުތު- ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްސް (ޓްރާންސްފޯމް)" ގެ ދަށުން ހުޅުވާލި ފުރުސަތެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާކުރުމުގެ މަސައްކަތް ފަށަން ދަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތުގެ ބޭނުމަކީ، މިވަގުތު މަސްވެރިންނަށާއި މަސްވެރި އުޅަނދުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް، އެ ހުރިހާ މައްސަލަތަކަށް ޙައްލު ހޯދައިދޭނެ ގޮތަކަށް އުޅަނދު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމެވެ.

ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ އެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށްޓަކައި، މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއެކު ގެޒެޓްގައި އިއުލާންކޮށްފައެވެ.

މި މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 18 ޑިސެމްބަރު 2025 ވަނަ ދުވަހުގެ 14:00 އެވެ. އަދި މި މަސައްކަތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް، އަދި ޖޮއިންޓް ވެންޗަރގެ ގޮތުގައިވެސް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މަސްވެރިންނާއި އަދި މަހުގެ އެކިބާވަތްތައް ތައްޔާރުކުރާ ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކުގައި އެ އުޅަނދު ޑިޒައިން ކުރުމުގައި މުހިންމު ކަންތައްތަކެއް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، ބާނާމަހުގެ ކޮލޮޓީ ރަނގަޅުކުރުމާއި، ކަނޑުމަތީގައި މަސްވެރިންގެ ރައްކާތެރިކަން އިތުރުކުރުމާއި، ދޯނީގައި މަސް ގިނަދުވަހު ރައްކާކުރެވޭނެ ގޮތްތަކާއި، މަސް ބޭނުމުގެ ތެރޭގައި މަހަށްލިބޭ ގެއްލުން ކުޑަކުރެވިދާނެ ގޮތްތަކާއި، ފަސޭހައިން ދޯންޏަށް މަސްއަރުވާ ބޭލޭނެގޮތްތަކާއި، މަސްއައިން ހޯދުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއި، ގިނަދުވަހަށް އެން ރައްކާކުރެވޭނެ ގޮތްތަކާއި، ތެލަށް ކުރާ ޚަރަދު ކުޑަކުރުމާއި، އަދި ތިމާވެއްޓާ ރައްޓެހި މަސްވެރިކަމެއް ކުރެވޭނެ ގޮތްތަކާ މެދު ވަނީ މަޝްވަރާކޮށްފައެވެ. މިނިސްޓްރީން ބުނީ، އަލަށް ފަރުމާކުރެވޭ މަސްވެރި އުޅަނދު ވާނީ މިކަންކަމަށް ރިއާޔަތް ކުރެވިގެން ފަރުމާ ކުރެވޭ އުޅަނދަކަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު