ދިވެހިރާއްޖޭގެ ޒަކާތު ހައުސް
ދިވެހިރާއްޖޭގެ ޒަކާތު ހައުސް
ޒަކާތު ފަންޑު ބަލަހައްޓާނީ ފިނޭންސްގެ ލަފަޔާ އެއްގޮތަށް އެމްއެމްއޭއިން ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޒަކާތާ ބެހޭ ބިލަކީ ޒަކާތުގެ ކަންކަން ރަނގަޅަށް އިންތިޒާމު ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ވުޖޫދުކޮށް، ޖުމްލަ 6 ބާބުގެ މައްޗަށް އެކުލަވާލައި މުޅިން އަލަށް ފަރުމާކޮށްފައިވާ ބިލެކެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ޒަކާތާ ބެހޭ ބިލުގައިވާ ގޮތުން، ޒަކާތް ދެއްކުން ގާނޫނީ ގޮތުން ވަނީ ލާޒިމު ކޮށްފައެވެ. އަދި ޒަކާތު ހައުސްއިން ނިންމާ ކަންތައްތަކަށް ރިޢާޔަތްކޮށް ޒަކާތު ފަންޑު ބަލަހައްޓާނީ ފިނޭންސްގެ ލަފާގެ މަތިން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެމްއެމްއޭއިން މި ފަންޑުގެ އެކައުންޓްތައް ހުޅުވައި ބަލަހައްޓައި، ފައިސާގެ ރިޕޯޓުތައް ތައްޔާރުކުރަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

މިބިލުގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި، ޒަކާތް ދެއްކުން ލާޒިމުނުވާ މީހެއްގެ އަތުން ނުވަތަ މުދަލަކުން ޒަކާތް ނެގުމާއި، ޒަކާތު ފައިސާ ހައްގު ނޫން ގޮތުގައި ބެހުމާއި އިންވެސްޓުކުރުން ހިމެނެއެވެ. މިފަދަ ކުށެއް ކޮށްފިނަމަ 1،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދޮގު މައުލޫމާތު ދީގެން ޒަކާތު ފައިސާ ހޯދުމަކީ ޖިނާއީ ދައުވާ ކުރެވޭނެ ކުށެކެވެ.

މި ބިލު ގާނޫނަކަށްވުމުން އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ. ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހެޅުއްވި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ އިއްތިފާގުންނެވެ.



ކިޔުންތެރިންގެ ހިޔާލު