ހުސައިން ސަނީ އުމަރު-
ހުސައިން ސަނީ އުމަރު-
ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް"ގައި އިސްކޮށް އުޅުއްވި ހުސައިން ސަނީ އުމަރުގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ސުވާލު ކުރުމަށް ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުކޮށްފިއެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅީ އަނިޔާ ލިބުނު ކުދިންގެ އާއިލާގެ ފަރާތުންނެވެ.

ފުލުހުން ބުނީ ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އިދާރާއަށް އޭނާ ހާޒިރު ކޮށްފައިވާ ކަމަށެވެ. އެކަމަކު އޭނާ ހައްޔަރު ކުރި ކަމެއް އަދި މައްސަލައިގެ އިތުރު ތަފްސީލެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ސޯޝަލް މީޑިއާއަށް ފެންމަތިވެފައިވާ އެ މައްސަލާގައި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ސަނީ އުމަރު ޖިންސީ ގޯނާކުރި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އަދި އެ މައްސަލަ ފެންމަތިވުމާ އެކު އޭނާ ރާއްޖެ ދޫކޮށް ފިލާފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާ ފުލުހަށް ހާޒިރުކުރީ ރާއްޖެ އައިތަނާއެވެ. މިކަމުގައި ފުލުހުންގެ ބަހެއް ލިބިފައި ނުވީނަމަވެސް އޭނާ އެއާޕޯޓުގައި ހުއްޓާ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި މައްސަަލަ ފެންމަތިވުމާ ގުޅިގެން ދަ ޓްރެވެލް ގައިސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން ސަނީ އުމަރުގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާ ނުލާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު