ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޗީފް ސައިންސްޓިސްޓް ޑރ. ސޯމްމިޔާ ސްވަމިނާތަން
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޗީފް ސައިންސްޓިސްޓް ޑރ. ސޯމްމިޔާ ސްވަމިނާތަން
ކޯވިޑް-19 އަށް ވެކްސިނެއް ލިބޭނެ ކަމަށް ލަފާ ކުރެވެނީ 2021 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔޫ އެޗް އޯއިން ބުނެފިއެވެ.

ކޯވިޑް-19 އާ ދެކޮޅަށް އެކި ފަރާތްތަކުން އުފައްދަމުން ގެންދާ ވެކްސިންތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓް ޑރ. ސޯމްމިޔާ ސްވަމިނާތަން ބުނެފައިވަނީ ކޯވިޑް-19އަށް، ގާތް ގަނޑަކަށް 200 އެއްހާ ވެކްސިން ދުނިޔޭގެ އެކި ހިސާބުތަކުން ތައްޔާރު ކުރަމުން ދާކަމަށާއި، މީގެ ތެރެއިން 31 ވެކްސިންގެ ތަހުލީލުތައް ކުރެވެމުންދަނީ ކްލިނިކަލް ފޭސް ގައި ކަމަށެވެ. އަދި މިއިން ކޮންމެ ވެކްސިނެއްގެވެސް ކްލިނިކަލް ފޭސްގެ ތަހުލީލުތައް 3 ގިންތިއަކަށް ބެހިގެންދާނެ ކަމަށާއި، މިގޮތުން 8 ވެކްސިނެއްގެ ކްލިނިކަލް ފޭސްގެ އެންމެ ފަހުގެ ތަހުލީލުތައް މިހާރު ކުރިއަށްދާ ކަމަށްވެސް ޑރ. ސޯމްމިޔާ ފާހަގަ ކޮށްފައިވެއެވެ.

ވެކްސިންގެ ކްލިނިކަލް ފޭސްގެ ތަހުލީލުތަކުގެ ނަތީޖާއިން ރައްކާތެރި ވެކްސިނެއްކަން ޔަގީން ކުރެވޭނެ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މިހާރު ކްލިނިކަލް ތަހުލީލުތަކުގެ މަރުހަލާގައި ހުރި ވެކްސިންތަކުގެ ތަހުލީލުތަކުގެ ނަތީޖާ ލިބޭނެ ކަމަށް ލަފާ ކުރެވެނީ މިއަހަރުގެ ފަހު ކޮޅު ނުވަތަ 2021 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށްވެސް ޑރ. ސޯމްމިޔާ ބުނެފައިވެއެވެ. އަދި ވެކްސިންގެ ތަހުލީލުތައް ނިންމައި، ވެކްސިން އާންމުންނާ ހިސާބައް ފޯރާ ވަރުވާނީ 2021 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެކްސިން ބޭނުން ކުރަން ހުއްދަދޭނީ ވެކްސިންގެ ރައްކާތެރިކަން ޔަގީންކޮށް ދިނުމުގެ ގޮތުން، ކުރާ ވެކްސިންގެ ތަހުލީލުތައް ނިންމައި، ވެކްސިން އާންމުންނާ ހިސާބަށް ފޯރުކޮށްދިނުމުގެ ކުރިން، އެވެކްސިންއަކީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ރައްކާތެރި ވެކްސިނެއްތޯ ބެލުމަށް ފަހުގައި ކަމަށް ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައި ވެއެވެ .

މީގެ އިތުރުން، ވެކްސިން އާންމުންނަށް ފޯރުކޮށް ދިނުމުގައި އެންމެ ފުރަތަމަ އިސްކަންދޭނީ ފްރަންޓްލައިންގައި މީހުންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކަށް ކަމަަށާއި އެއަށްފަހު ވެކްސިން ފޯރުކޮށް ދިނުމުގައި އިސްކަންދޭނީ ހައިރިސްކް، ނާޒުކު ހާލަތްތަކުގައި ތިބޭ، ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ކަމަށް ޑރ. ސޯމްމިޔާ ބުނެފައިވެއެވެ.

ޑރ. ސޯމްމިޔާ ބުނެފައިވާގޮތުން، ދުނިޔޭގެ އާބާދީގެ 60 އިންސައްތައާއި 70 އިންސައްތައާއި ދެމެދުގެ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެސް ނަގާފާނެއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ބޮޑެތި އިހުމާލު ތަކެއް ވެފައިވާ ކަމަށް ބައެއް ގައުމުތަކުގެ އިސް ވެރިން ވަނީ ތުހުމަތު ކުރައްވާފައެވެ. ބައެއް ގައުމުތަކުން ބައްޔާއި ދެކޮޅަށް އުފައްދަމުން ގެންދާ ވެކްސިން ތަކުގެ ކާމިޔާބީއާއި މެދުވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ސުވާލު އުފައްދަމުން ދާއިރު ބައްޔާއި ބެހޭގޮތުން އެކަށީގެންވާ ތަހުލީލީ މައުލޫމާތު ހޯދައި އާންމު ކުރުމުގައި ވެސް ސިއްހަތު ޖަމިއްޔާ ފެއިލް ވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މިމައްސަލައިގައި އެޖަމިއްޔާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލަމުން ގެންދަވާ އެމެރިކާގެ ރައީސް ޑޮނަލްޓްރަމްޕް ވަނީ އެގައުމުން ސިއްޙަތު ޖަމިއްތާދޭ މާލީ އެހީތައް ކަނޑާލާފައިވާކަން އާންމުކޮށް އިޢުލާން ވެސް ކޮށްފައެވެ.

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި މިބަލި އެންމެ ފުރަތަމަ ފެތުރޭންފެށި ޗައިނާއާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ބަލީގެ ކުރީކޮޅު ބައްޔާބެހޭ ފުރިހަމަ މައުލޫމާ ހާމަ ނުކޮށް ސިއްރުކޮށްފައެވެ. އަދި ދުނިޔެއިން ފެންނަ މިފަދަ ބަލި ތަކަށް ނަންދޭ އުސޫލާއި ޚިލާފަށް މިފަހަރު ބަލި ފެނުނު ގައުމަށް ނިސްބަތް ނުވާ ގޮތަށް ބަލީގެ ނަން ހަދައި އާންމުކޮށްފައިވާތީވެސް އެމެރިކާއިން ވަނީ ފާޑުކިޔާފައެވެ. އެމެރިކާގެ ރައީސް ކޯވިޑް-19 އަށް އާންމުކޮށް މުހާތަބު ކުރައްވަނީ ޗައިނާ ވައިރަސްގެ ނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން