ރޭޕް ކުރުމާ ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މީޑިއާ)
ރޭޕް ކުރުމާ ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މީޑިއާ)
ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ތުހުމަތު ކުރަނީ ސިފައިންގެ މީހަކަށެވެ. އެގޮތުން، ޖިންސީ ގޯނާ ކޮށްފައިވަނީ އެ ފިރިހެން މީހާގެ ލޯބިވެރިޔާގެ ދެ އަންހެން ދަރިންނަށް ކަމަށްވެއެވެ. އެކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރުން، ޖިންސީ ގުޅުން ހިންގާ މަންޒަރު ދެއްކުމާއި ގްރޫމްކުރުމުގެ ތުހުމަތުކުރާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާއިރު މިއީ މި ހަފުތާގެ ތެރޭގައި ތިލަވި ޖިންސީ ގޯނާކުރުމުގެ ތިންވަނަ މައްސަލަ އެވެ.

އެގޮތުން މާޅޭ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު 24 އަހަރުގެ އަންހެނަކު ހޮސްޕިޓަލަށް ގެންދިޔައިރު ޖިންސީ ގޯނާކޮށްފައި ހުރިކަން އެނގުނު މައްސަލައަކާއި، މާލޭގައި ކުޑަ ފިރިހެން ދަރިފުޅަށް ޖިންސީ އަނިޔާކޮށްގެން އޭނާގެ މަންމަ މި މަހުގެ 11 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ މައްސަލަ ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު