ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް
ގޭންގެއް ނެތްކަމަށް ސަރުކާރުން ބުނި ކަމުގައި ވީނަމަވެސް ރާއްޖޭގެ ދެކުނުން ފެށިގެން އުތުރަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ގޭންގުތައް ހަދައިގެން ކުށް ކުރަން އުޅުނު ކުދިން މިހާރު އުޅެނީ ވިޔަފާރި ކުރުން ފަދަ ކަންކަމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ޖަމީލް ވިދާޅުވީ ގައުމެއްގެ ރައީސަކު މިހާ ޢައިރު ޒިއްމާދާރު ވާހަކަ ދެއްކުމަކީ ގައުމީ ސަލާމަތަށްއޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމުގައެވެ.

"ގޭންގެއް ނެތް، އެކަމަކު ރާއްޖޭގެ ދެކުނުން ފެށިގެން އުތުރަށް އެއްވެސް ރައްކާތެރިކަމެއް ނެތް. އެއަރޕޯޓުން ރޯމާ ދުވާލު ބޮޑަތި ޢަދަދުގެ ފައިސާ ފޭރެނީ. މީހުން ގޮތްނޭގޭ ގޮތަށް މަރަނީ." ޖަމީލް ވިދާޅުވިއެވެ.

މިއީ ހަމަ، ‘މިއަދުން ފެށިގެން ޝަރީޢަތަށް ނުފޫޒު ފޯރުވުން ނިމުނީ’ އޭ ރައީސް ވިދާޅުވި ވިދާޅުވުން ފަދަ ގޮތަކަށް ނިމުނު ކަމެއް ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

"މުއިއްޒާމެދު ހޭންވީކަމެއް ނުވަތަ ރޯންވީކަމެއް ނޭނގުނު!" ޖަމީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު