ހދ. މަކުނުދޫ އެއާޕޯޓުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހދ. މަކުނުދޫ އެއާޕޯޓުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން، އެންމެ އުތުރުގެ ދެ އަތޮޅު ހިމެނޭ ޒޯން 1 ގައި އެކަނިވެސް 87 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޒޯން އެކެއްގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރު އަހުމަދު އާލިމް ވިދާޅުވީ، ރާއްޖެ ޖުމްލަ 6 ޒޯނަކަށް ބަހާލައިގެން މުޅި ރާއްޖޭގައި އެ ކުންފުނިން 800 އަށްވުރެ ގިނަ މަޝްރޫއު ހިންގަމުން އަންނަ ކަމަށެވެ. މީގެ ތެރެއިން ހއ. އަދި ހދ. އަތޮޅު ހިމެނޭ ޒޯން 1 ގައި ޖުމްލަ 116 މަޝްރޫއެއް ޕްލޭންކުރެވިފައިވާއިރު، ރަސްމީކޮށް ސޮއިކުރެވި އަމަލީ ގޮތުން މިވަގުތު 87 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އާލިމް ވިދާޅުވި ގޮތުގައި، ޒޯން 1 ގައި ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އަސާސީ އަދި އުމްރާނީ ތަރައްޤީގެ މުހިންމު މަސައްކަތްތައް ހިމެނެއެވެ. އެގޮތުން އެއާޕޯޓްތަކާއި، ހޮސްޕިޓަލްތަކާއި، ސިއްހީ މަރުކަޒުތައް އަދި ސްކޫލް އިމާރާތްތަކާއި މިސްކިތްތަކުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ ގޮތުން ފުޓްސަލް ދަނޑުތަކާއި، ވޮލީ އަދި ހޭންޑްބޯލް ކޯޓުތައް ހެދުމުގެ މަޝްރޫއުތައްވެސް ދަނީ ހިންގަމުންނެވެ.

މި ޒޯނުގައި ކުރިއަށްދާ ބޮޑެތި މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން އާލިމް ވިދާޅުވީ، ހއ. ދިއްދޫގައި އިމާރާތްކުރާ އެ އަތޮޅު ހޮސްޕިޓަލާއި، މަކުނުދޫ އެއާޕޯޓްގެ މަސައްކަތަކީ ފާހަގަކޮށްލެވޭ ބިޔަ މަޝްރޫއުތަކެއް ކަމަށެވެ. އަދި މީގެ އިތުރުން ހަނިމާދޫ މިސްކިތް އިމާރާތްކުރުމާއި، ހޯރަފުށީ މަގުހެދުމުގެ މަޝްރޫއާއި، ވައިކަރަދޫ ސްކޭޓް ޕާކުގެ އިތުރުން ހއ. އުލިގަމުގައި އަޅާ އިމިގްރޭޝަން ބިލްޑިންގގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް އެމްޓީސީސީއާ މި މަސައްކަތްތައް ހަވާލުކުރަމުންދާއިރު، ކޮންޓްރެކްޓަރުގެ އެންމެ ބޮޑު ޒިންމާއަކީ މަސައްކަތުގެ ފެންވަރު ދަމަހައްޓައި، އެއްބަސްވުމާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތަށް މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް ހަވާލުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު