ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް
ރައީސް އޮފީހުން އުސޫލުތައް ބަދަލުކޮށްގެން މިއަދު ކުރަމުންދަނީ ކަނޑައެޅިގެން ގާނޫނާ ޚިލާފު ކަންކަން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވަނީ ބިޑަކާ ނުލާ ބަހާލި ޕްރޮޖެކްޓުތަކުގެ ތެރެއިން 658 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް މަޖިލީހުގެ ބައެއް ޕީއެންސީ މެމްބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކާ ހަވާލުކުރުމާ ގުޅިގެންނެވެ.

މިކަމަށް އިޝާރާތްކުރައްވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ މިއަދު ރައީސް އޮފީހުން އަމިއްލަައަށް އުސޫލުތައް ބަދަލުކޮށްގެން ކުރަމުންދަނީ ކަނޑައެޅިގެން ޤާނޫނާ ހިލާފު އަމަލެއް ކަމުގައެެވެ.

ޖަމީލް ވިދާޅުވީ ގާނޫނު އަސާސީގެ 115 މާއްދާގައި ރައީސްގެ މައްޗަށް ގާނޫނުގެ ވެރިކަން ކުރިއެރުވުން ލާޒިމްކުރާ ކަމަށެވެ. ހަމައެއާއެކު ރޫލް އޮފް ލޯގައި ޓްރާންސްޕޭރެންޓްކޮށް، ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް އަމަލު ކުރުން ލާޒިމްކުރާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަދި ގާނޫނު އަސާސީގެ 103 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ އެއްވެސް މެމްބަރެއްގެ މަގާމުގެ ނާޖާއިޒު މަންފާ ހޯދުމަށް ބޭނުން ކުރުން މަނާކުރާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޖަމީލް ވިދާޅުވީ ސަރުކާރާއި، ރައްޔިތުންގެ މަޖިލިސް މެމްބަރުން ގުޅިގެން ކުރަމުންމިދާ ކަންކަމަކީ ސީދާ ވައްކަމާ ފަސާދަގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ކަމަށެވެ.

"ފޮށިތައް ރަނގަޅަށް ބަނދެގެން ތައްޔާރަށް ތިއްބަވާ. ވަގުތު ޖެހޭނެކަން ކަށަވަރު." ޖަމީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު