މަޝްފޫޢުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-
މަޝްފޫޢުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-
ދެއްކުންތެރިކަމާއެކު އެތައް މަޝްރޫޢެއްގައި އެއްވަގުތަކު ސޮއިކުރުމަކީ ރެކޯޑެއް ނޫން ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ސަރުކާރުން އިއްޔެ ވަނީ ތަރައްގީގެ 205 މަޝްރޫޢެއްގެ މަސަައްކަތް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ނަސީމް ވިދާޅުވީ ދެއްކުންތެރިކަމާއެކު އެތައް މަޝްރޫޢެއްގައި އެއްވަގުތަކު ސޮއެކުރުމަކީ ރެކޯޑެއް ނޫން ކަމަށާއި، އެއީ ހަޑިކަމެއް ކަމަށެވެ.

"މެނޭޖްމެންޓުގެ ބަހުން ބުނާހެން އެއީ އިރެސްޕޮންސިބަލް ކަމެއް. ޤާނޫނު ބުނާހެން ކޮރަޕްޝަންގެ ކަމެއް. ދީނުގަ ބުނާހެން عمل غير صالح ކަމެއް." ނަސީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ މިގޮތަށް ޕްރޮޖެކްޓުތައް ބަހާލުމަކީ ވަރަށް ގިނަ މީހުންގެ ނުރުހުން ލިބޭނެ ކަމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ޙަވާލުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޢާންމު ފަރުދުން މުއްސަނދި ކޮށްދިނުން ކަމަށެވެ. އަދި ސަރުކާރުން އެދެނީ ވީހާވެސް ގިނަ މަޝްރޫޢުތައް ޢާންމު ފަރުދުންނަށް ލިބުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މިހެން ވިދާޅުވެފައި ވާއިރު، ބިޑަކާ ނުލާ ހަވާލު ކުރެވުނު މި މަޝްރޫޢުތަކުގެ ތެރެއިން 658 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ މަޖިލީހުގެ ބައެއް ޕީއެންސީ މެމްބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކާ އެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު