މުދާ އުފުލާ ބޯޓެއް-
މުދާ އުފުލާ ބޯޓެއް-
ކޮޅުވެއްޓިއާއި ބާޖު ފަދަ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރު ދުއްވުމުގައި އިތުރަށް ސަމާލުވުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންގައިފިއެވެ.

މިނިސްޓްރީން ބުނީ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް ޢަމަލުކުރުމުގެ ސަބަބުން، ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާކަމަށާއި، މިފަދަ އުޅަނދުތައް އޮޕަރޭޓް ކުރަމުން ގޮސްފައިވަނީ އެކަމުގެ ކެޕޭސިޓީ ނެތް ކެޕްޓަނުންކަން ފާހަގަކުރެވިފައިވާކަމަށެވެ.

ދަގަނޑު ނުވަތަ މައުދަނުން ބަދެފައިވާ އުޅަނދު ފަހަރުގައި ކެޕްޓަނުންގެ ގޮތުގައި މަސައްކަތް ކުރެވޭނީ، ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދުގައިވާގޮތުގެ މަތިންކަމަށް މިނިދްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން، 100 ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދު ފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ 3000 ގްރޮސްޓަންގެ ކެޕްޓަނުންނަށް ކަމަށް ގަވާއިދުގައި ވެއެވެ.

ހަމައެއާއެކު، ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމި ކަމުގެ ސަނަދު އޮތް އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާއި އެކަށިގެންވާ ކެޕޭސިޓީގެ ޓަނޭޖު އެންޑޯޒްމަންޓް ލިބިފައިވާ ކެޕްޓަނުންނަށްކަން އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން މިކަންކަމަށް ސަމާލުވެ، ރާއްޖޭގައި ދުއްވާ އަދި އޮޕަރޭޓު ކުރާ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭނެގޮތަށް ބަރުކުރުމާއެކު މުދާ ރަނގަޅަށް ލޭޝް ކޮށްގެން ދަތުރަށް ފެށުމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު