ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
މަސްތުވާތަކެއްޗާއި ފައިސާއާއެކު ރަސްގަތީމުން ނުވަ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި 9 މީހުން ވެސް ހައްޔަރުކޮށްފައިވަނީ ރަސްގެތީމުގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. ހުޅުދުއްފާރު / ލޫނާ، އަޙްމަދު ނިހާން (23އ) އާއި، ރ. ރަސްގެތީމު / އިރުދޭމާގެ، އިބްރާހީމް ރިޝާމް (36އ) އާއި، ރ. ހުޅުދުއްފާރު / ފަތިސްހަނދުވަރުގެ، އާދަމް ނަސީމް (30އ) އާއި، ޅ. ނައިފަރު / ހަނަފަސްގެ، އަމީނާ މުޙައްމަދު (32އ) އާއި، ރ. ހުޅުދުއްފާރު / އާސްމާނުވިލާ، އައްޔޫބު އާދަމް (33އ) އާއި، ހދ. ކުޅުދުއްފުށި / ބީޗްސައިޑް، ފަރީޙާ ބިންތި ޢަލީ ވަޙީދު (21އ) އާއި، ރ. ހުޅުދުއްފާރު / ލައިނޫފަރުގެ، އިބްރާހީމް ޢާދިލް (38އ) އާއި، ރ. ރަސްގެތީމު / އިރުދޭމާގެ، އަޙްމަދު ވިޝާމް (41އ) އާއި، ރ. ހުޅުދުއްފާރު / އާސްމާނުވިލާ، ޙުސައިން ސަރްޙާން (30އ)އެވެ.

މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ހޯދާފައިވެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި 43500 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނިހާން (23އ) އާއި، އިބްރާހީމް ޢާދިލް (38އ) އާއި، އާދަމް ނަސީމް (30އ) އާއި، އިބްރާހީމް ރިޝާމް (36އ) 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަމީނާ މުޙައްމަދު (32އ) އާއި، އައްޔޫބު އާދަމް (33އ) އާއި، ފަރީޙާ ބިންތި ޢަލީ ވަޙީދު (21އ) އާއި، އަޙްމަދު ވިޝާމް (41އ) އާއި، ޙުސައިން ސަރްޙާން (30އ) 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު