މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
ފެނަކަ ކޮރަޕްޝަންގައި ޝާމިލުވީ މުވައްޒަފުން އަދިވެސް އެކުންފުނީގައި އެބަތިބި ކަމަށާއި، އެ މީހުން އެ މަގާމުތަކުގައި ތިބެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު މިހެން ވިދާޅުވީ ކޮރަޕްޝަންގެ އިތުރުން ބޮޑެތި މައްސަލަތަކުގެ ސަބަބުން ބޮއްސުންލާފައިވާ ފެނަކައިގެ އޮޑިޓް ރިޕޯޓުގައި، އެ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ އެކި މައްސަލަތަކުގައި ހިމެނޭ މީހުންނަށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައްވައި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު މި މަހުގެ ފުރަތަމަ ދުވަހު ހުށަހެޅުއްވި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އޮޑިޓު ރިޕޯޓު ދިރާސާ ކުރުމުގެ ކޮމިޓީ މަރުހަލާއަށް ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ހާޒިރުކުރުމުން އޭނާ ވިދާޅުވީ ފެނަކައިގެ ވަކިވަކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބަވައިގެން ގޯހެއް ހެއްދެވިކަމުގެ ތުހުމަތުވާ ބޭފުޅުންގެ ޑިޕާޓްމެންޓުތައް ބަދަލު ކޮށްފައިވާ ކަމަށެވެ.

މިކަމަށް އިޝާރާތް ކުރަމުން ޣަފޫރު ވިދާޅުވީ ފެނަކައިގެ ކޮރަޕްޝަންގައި ޝާމިލުވާ މުވައްޒަފުން މިހާރު ވެސް އެ ކޯޕަރޭޝަންގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެމީހުން އެހެން ޑިޕާޓްމެންޓުތަކަށް ބަދަލުކޮށްފައިވާކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ މަސައްކަތްކުރާ ޑިޕާޓްމަންޓް ބަދަލުކުރުމަކީ އުޒުރެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މަގާމުތަކުގައި އެކުންފުނީގައި އެމީހުން ތިބެގެން ނުވާނެ ކަމަށެވެ.

އަދި އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެފަދަ މުވައްޒަފުން ބަދަލުކުރުމަކީ ހައްލެއް ނޫން ކަމަށާއި، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ޣަފޫރު ވަނީ ވިދާޅުވެފައެވެ.

ޣަފޫރު ވިދާޅުވީ އެ ބޮޑު ކޮރަޕްޝަނަކީ ފެނަކައިގެ އެމްޑީ އެކަނި ކޮށްފައި އޮތް ކަމެއް ނޫންކަން އޮޑިޓު ރިޕޯޓުން އެނގޭ ކަމަށެވެ. އަދި އެ ހިސާބަށް އެކަން ގޮސްފައިވަނީ ވަރަށް ގިނަ މީހުންގެ އިހުމާލުންކަން ރިޕޯޓުން އެނގޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޣަފޫރު މިހެން ވިދާޅުވެފައިވާއިރު، ފެނަކައިގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން މުޅި ފެނަކަ ކޯޕަރޭޝަންގެ އޮނިގަނޑު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވަނީ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު