ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
މި ސަރުކާރުން އެއްވެސް ޒިންމާދާރުކަމެއް ނެތި އެއް މަޝްރޫއެއް ތަފާތު އެކި ފަރާތްތަކާ ހަވާލުކުރަމުންދާތީ އެ މައްސަލަ ބެލުމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކަމާ ގުޅުން ހުރި އިދާރާތަކަށް ގޮވާލައްވައިފިއެވެ.

އަމީރު މިގޮތަށް ގޮވާލައްވާފައި މިވަނީ އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ޗައިނާގެ ކުންފުންޏަކާ އަލުން ހަވާލުކުރުމާ ގުޅިގެންނެވެ.

މި މަޝްރޫޢުގެ ސާވޭތަކެއް ކުރުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ ހަވާލުކޮށް، އެ މަސައްކަތަށް މިދިޔަ އަހަރު 30 މިލިއަން ރުފިޔާ ބަޖެޓްކޮށް، ބްރިޖްގެ ފުރަތަމަ ޑިޒައިން ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް އެ ކުންފުނިން މިދިޔަ އަހަރުގެ މާޗު މަހު ނިންމިއެވެ. ނަމަވެސް އަރަބް ކޮންޓްރެކްޓާސްއާ އެކު ހެދި އެއްބަސްވުން ކުރިއަށް ނުގެންދިއުމުގެ ސަބަބުން މި މަސައްކަތް ޓީވައި ލިން އިންޓަނޭޝަނަލްއާ ހަވާލުކުރަން ޖެހުނީ ކަމަށް މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި އަމީރް ވިދާޅުވީ އެއްވެސް ކުރިއެރުމެއް ނެތި، ކުރިން ވެފައިވާ އެއްބަސްވުންތައް ޤާނޫނީ ގޮތުން ނިމުމަކަށް ގެނެވުނު ގޮތުގެ އެއްވެސް މަޢުލޫމާތެއް ހާމަނުކޮށް، އެއް މަޝްރޫޢުތައް އަލުން އާ ބޭރުގެ ކުންފުނިތަކަށް، ނުވަތަ ރާއްޖޭގެ ބައެއް ކުންފުނިތަކަށް ހަވާލު ކުރަމުން ދިއުން މިހާރު މުއިއްޒުގެ ސަރުކާރުގައި ޕެޓާނަކަށް ވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތަކަށް ސަރުކާރުން އެއްވެސް ފަރުވާލެއް ނުބަހައްޓާ ކަމަށާއި، އެހެންނަމަވެސް ދައުލަތުގެ ކުންފުނިތަކާއެކު ސަރުކާރުން އާ އެއްބަސްވުނަތައް އެކުލަވާލަމުން ދާކަމަށެވެ.

ކުންފުނިތަކާ ޕްރޮޖެކްޓުތައް ހަވާލުކުރުމުގައި އެއްވެސް ހާމަކަންބޮޑު، ހުޅުވާލެވިފައިވާ، ޓްރާންސްޕޭރެންޓު ސެލެކްޝަން ޕްރޮސެސެއް ނެތް ކަމުގައި އަމީރް ވަނީ ވިދާޅުވެފައެވެ. އެހެންވެ، މުޅި މިކަމުގައި ކޮރަޕްޝަންގެ ވަސް ވަރަށް ބޮޑަށް އެބަހުރި ކަމަށް އަމީރުގެ ޕޯސްޓުގައި ވެއެވެ.

އަމީރު ވިދާޅުވީ މި ހާމަކަން ނެތް ސިޔާސަތުތަކުގެ ސަބަބުން ވަރަށް ސީރިއަސް ޤާނޫނީ އަދި މާލީ ކަންބޮޑުވުންތަކެއް އުފެދޭ ކަމަށެވެ. އަދި ކުރީގެ އެއްބަސްވުންތައް ރަނގަޅަށް ނިމުމަކަށް ގެނެވިފައި ނުވާނަމަ، އެ ކުންފުނިތަކަށް އާބިޓްރޭޝަނަށް ދެވިދާނެ ކަމަށާއި، އޭގެ ސަބަބުން ދައުލަތުން ވަރަށް ބޮޑެތި ބަދަލުތަކެއް ދޭންޖެހުމުގެ ނުރައްކާ އެބައޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ޒިންމާދާރުކަމެއް ނެތި އެއް މަޝްރޫޢުތައް އެތައް ފަރާތްތަކަކަށް އަލުން ޙަވާލުކުރަމުންދާ މި ޕެޓާން ބަލައި ތަހުގީގު ކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަޅުގަނޑު ގޮވާލަން" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ޤައުމު ބޮޑެތި ޤާނޫނީ މައްސަލަތަކާ ކުރިމަތިލާން ޖެހުމުގެ ކުރިން، ރައްޔިތުންނަށް ހާމަކަން ބޮޑު މަޢުލޫމާތު ލިބުމުގެ ޙައްޤު އެބައޮތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު