އިމިގްރޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަންގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަންގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
ހުޅުމާލޭގައި ހިންގަމުންދާ ގަރާޖުތަކެއް ބަލައި ފާސްކުރުމަށްފަހު ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ ކަމަށް ފާހަގަކުރެވިފައިވާ ހުޅުމާލެ ފޭސް 1 ގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހިންގާ ގަރާޖުތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 69 ބިދޭސީއަކު ޗެކްކޮށް، އޭގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 14 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް މިހާރު ވަނީ ފަށާފައެވެ. އަދި ޤަވާއިދާ ޚިލާފަށް "އޯޕަން ވިޒާ"ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އިތުރުވަމުންދާކަން އިމިގްރޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީ ނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށް މީގެކުރިން މާބޮޑެތި މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރުން މިހާތަނަށް، ކުރަނގި އޮޕަރޭޝަންގެ ދަށުން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 8609 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަން ފެށީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު