މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
ގިނަ ރައްޔިތުން ބައިވެރިނުވާ ވޯޓަކީ ޙަޤީޤީ ވޯޓެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވެފައި މިވަނީ މިއަދު ކުރިއަށްގެންދިޔަ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓުގެ ޓާންއައުޓް ދަށްވުމުން އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ވޯޓު ނަގާފައި މިވަނީ އިދިކޮޅު ފަރާތްތަކުންނާއި އައްޑޫގެ ބައެއް ރައްޔިތުންވެސް މިކަމާ ދެކޮޅަށް ވާހަކަ ދައްކަމުން ދަނިކޮށެވެ.

މިއަދު ވޯޓު ނަގާފައިވާއިރު ވޯޓުގައި ބައިވެރިވި މީހުންގެ އަދަދު ވަރަށް ދަށްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި ފެންނަ ނުފެންނަ ވޯޓުލުމަށް ޝަރުތު ހަމަވާ 9576 މީހުން ތިބިއިރު މިއަދު މެންދުރުފަހު 15:00 އާ ހަމައަށްވެސް ވޯޓު ލާފައިވަނީ އެންމެ 35.61 އިންސައްތަ މީހުންކަން އީސީގެ ތަފާސް ހިސާބުތަކުން ފާހަގަވެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ވައްޑޭ ވިދާޅުވީ ވޯޓެއްގެ އެންމެ ބޮޑު ބޭނުމަކީ ގިނަ ރައްޔިތުން ބައިވެރިވެ ގޮތް ނިންމުން ކަމަށެވެ. އަދި ގިނަ ރައްޔިތުން ބައިވެރި ނުވާ ވޯޓަކީ ޙަޤީޤީ ވޯޓެއް ނޫން ކަމަށާއި، އެއީ ގޮތް ނިންމުމެއް ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ބުނަމުން އައީ މި ވޯޓަކީ އައްޑޫގެ ރައްޔިތުން އެދިގެން ބާއްވާ ރިފަރެންޑަމް އެއް ކަމަށާއި، މި ވޯޓާ ގުޅިގެން ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށެވެ.

މިކަމަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރި އިތުރު ޕޯސްޓެއްގައި ވައްޑޭ ވިދާޅުވީ ރައްޔިތުން އެދިގެން ރެފެރެންޑަމަކަށް ދާނެ ގޮތެއްވެސް ސާފުވެފައި އޮންނަންޖެހޭ ކަމަށެވެ. އަދި ރައްޔިތުން އެހާ އެދޭތީ ނަގާ ވޯޓެއް ނަމަ ޓަރންއައުޓް އެހާ ދަށެއް ނުވާނެ ކަމަށް ވައްޑޭ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު