އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްބޭފުޅުން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުން-
އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްބޭފުޅުން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުން-
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ ހާލަތު އެހާ ގޯސްވީ، ޒިންމާ ނަގަން ޖެހޭ ހުރިޔާ އިދާރާތައް ފެއިލްވެފައިވުމުގެ ސަބަބުން ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އޮޑިޓަ ޖެނެރަލް އޮފީހުގެ އިސްވެރިން ހާޒިރުކޮށް، ފެނަކައިގެ ހިޔާނާތާ ގުޅޭގޮތުން ސުވާލުކުރުމުން ބުނެފައި ވަނީ ފެނަކައިގެ ބޯޑަކީ، ކުންފުނީގެ މާލީ ހާލަތާއި ސްޓްރެޓެޖިކް ޑައިރެކްޝަން ކަނޑައަޅާ ބަޔަކަށް ވާއިރު، އެ ޒިންމާތައް އެ ބޯޑުން އަދާކޮށްފައި ނުވާ ކަމަށެވެ. އަދި އެ ކުންފުނިން އިންހައުސް ޕްރޮޖެކްޓްތައް ހިންގުމުގައި ވެސް ގެންގުނު އުސޫލުތަކާ ގުޅޭ ގޮތުން ބޯޑުން އެއްވެސް ނިންމުމެއް ނިންމާފަ ނުވާ ކަމަށް ވަނީ ބުނެފައެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން އެސިސްޓެންޓް އޮޑިޓަ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ ކުންފުނީގެ ހާލަތު ބަލައި، ރަނގަޅު މިސްރާބަށް ގެންދިއުމުގައި ބޯޑުގެ ޒިންމާ ބޮޑު ކަމަށެވެ.

މި މައްސަަލައިގައި ޕީސީބީގެ ޒިންމާވެސް ފުރިހަމައަށް އަދާނުކުރާކަން ފާހަގަކުރަމުން އައިމަން ވިދާޅުވީ ފެނަކައިގެ ހިސާބުތައް ނުބެލި، ކުންފުނި ހަރުދަނާ ކުރުމުގައި އެ އިދާރާގެ އިހުމާލުވެސް ވަރަށް ބޮޑު ކަމަށެވެ.

ހަމައެއާައެކު މިކަމުގައި ފިނޭންސް މިނިސްޓްރީގެ އިހުމާލުވެސް އޮތް ކަމަށް އައިމަން ފާހަގަަކުރެއްވިއެވެ. އޭނާ ވިދާޅުވީ ކުންފުނީގެ ހިއްސާދާރުގެ ހައިސިއްޔަތުން ފިނޭންސް މިނިސްޓްރީން ފެނަކައިން ފޮނުވާ ސިޓީތަކަށް ކަންކަން ރަނގަޅަށް ބެލުމުގެ ބަދަލުގައި ފައިސާތައް ދެމުން ދިޔަކަމަށެވެ. އެހާ ފަސޭހައިން ލުއި ގޮތަކަށް ދައުލަތުގެ ފައިސާ ދޫކުރުން އެއީ ފިނޭންސް މިނިސްޓްރީން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި ފެނަކައިގެ ހާލަތު އެ ހިސާބަށް ދިޔައީ ޒިންމާ ނަގަންޖެހޭ ހުރިހާ އިދާރާތައް ފެއިލްވުމުން ކަމަށް އައިމަން ވަނީ ވިދާޅުވެފައެވެ.

ފެނަކަ ކޯޕަރޭޝަންގެ 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދުގެ މާލީ ހާލަތާއި މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތް ބަލަން ކުރި ހާއްސަ އޮޑިޓަކަށް ފަހު، މިދިޔަ މަހުގެ ފަހުކޮޅު ނެރުނު އޮޑިޓް ރިޕޯޓުގައި ވާގޮތުން އެ މުއްދަތުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަންގެ ގިނަ މައްސަަލަތަކެއް އެ ކުންފުނިން ހިންގާފައިވާކަން ވަނީ ހާމަވެފައެވެ.

އެގޮތުން ކުންފުންޏަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އެމްއައިބީ އިން 400 މިލިއަން ރުފިޔާގެ ލޯނެއް ނެގިއިރު ފިނޭންސް މިނިސްޓްރީން ޓެރިފް އެޑްވާންސްގެ ގޮތުގައި ވެސް 618 މިލިއަން ރުފިޔާ ދޫކޮށްފައި ވާކަން ވަނީ ހާމަވެފައެވެ. އަދި އެސްޓީއޯ މެދުވެރިކޮށް 231 މިލިއަން ރުފިޔާގެ ލޯނެއް ވެސް ފެނަކައަށް ނަގާފައިވާއިރު، އެ މުއާމަލާތްތައް ހިންގީ ފިނޭންސް މިނިސްޓްރީގެ ބައިވެރިވުމާ އެކުގައިކަން ވަނީ ހާމަވެފައެވެ.

އަދި ބިޑަކާ ނުލައި 1.3 ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވާއިރު، އޭރުގެ ވެރިކަން ކުރި ޕާޓީ އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ބައެއް މީހުންގެ ހިއްސާއޮތް ކުންފުނިތަކަށް ފައިދާވާ ގޮތަށް ގިނަ ޕްރޮޖެކްޓްތަކެއް ދީފައިވާކަން ވެސް އޮޑިޓު ރިޕޯޓުގައި ވަނީ ފާހަަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު