ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ކަރާޗީ އާދެމެދު، މުދާ އުފުލުމަށްޓަކާ ކަނޑުމަގުން ގުޅުވާލުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

ޕާކިސްތާން ނެޝަނަލް ޝިޕިންގ ކޮމްޕެނީ (ޕީއެންސީ) ގެ ހެޑް އޮފީހުގައި މިކަމަށްޓަކާ ހުސްވި ހަފުތާގައި ބޭއްވި މަޝްވަރާ ތަކުގައި ދިވެހި ރާއްޖޭގެ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވި ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. މިމަޝްވަރާ ތަކުގައި ރާއްޖެއިން ބައިވެރިވެ ވަޑައިގެންނެވި ފަސް މެންބަރުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް އަދި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، ޣައްސާން މައުމޫންގެ އިތުރުން ޕާކިސްތާނުން ދިވެހިރާއްޖެ އަށް ކަނޑަ އަޅާފައި ހުންނަވާ ސަފީރު، އެޑްމިރަލް މުޚްތާރު ވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، ދިވެހިރާއްޖެ އާއި ޕާކިސްތާނުގެ ކަރާޗީ އާދެމެދު، ކަނޑު ދަތުރުފަތުރު ފެށުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާ ކުރެެއްވުން ކަމަށް ވެސް ޕާކިސްތާނުގެ މީޑިއާތަކުން ބުނެފައި ވެއެވެ.

ޕާކިސްތާން ނެޝަނަލް ޝިޕިންގ ކޮމްޕެނީ (ޕީއެންސީ) ގެ ފަރާތުން، ކުންފުނީގެ ޗެއަރމަން ޝަކީލް އަހުމަދު ގެ އިތުރުން ކުންފުނީގެ އެހެން އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މިބައްދަަލުވުމުގައި، ޕާކިސްތާނާ ދިވެހި ރާއްޖެއާއި ދެމެދު، އެއްގައުމުން އަނެއްގައުމަށް ކަނޑުމަގުން މުދާ އުފުލުމުގައި ލުއިފަސޭހަ ތަކެއް ހަމަޖެއްސުމާމެދު ވާހަކަ ދެކެވުނެވެ. އަދި ދިވެހިރާއްޖެއިން މިކަމުގައި އިސްނެގި ކަމަށްޓަކައި ޕީއެންސީގެ ޗެއަރމަން ޝަކީލް އަހުމަދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ޕީއެންސީ ގެ މަގްސަދަކީވެސް އެއްގައުމުން އަނެއް ގައުމަށް ފަސޭހަކަމާއެކު މުދާއުފުލުމުގައި ކަނޑުމަގުން ގުޅުވައިދިނުން ކަމުގައި ވެސް އެކުންފުނިން ބުނެފައި ވެއެވެ.

މިދިޔަ ހަފުތާ ނިމެމުން ދަނިކޮށް ދިވެހި ރާއްޖެއާއި އިންޑިއާއާ ދެމެދު މުދާ އުފުލުމަށް، ކާގޯފެރީގެ ހިދުމަތްވެސްވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު


14

ޖައުފަރު

25-Sep-2020

ރާއްޖެއިން ވަހަކަ ދެއްކުމުގެ ހައިސިއްޔަތެއް ތިޔަބުނާ މީސްމީހުނަށް ލިބިފައިވޭތޯ



ޓްރެންޑިން