ނަސްރު ބޯޓު
ނަސްރު ބޯޓު
ނައިފަރަށް ދަތުރުކުރަމުންދިޔަ ނަސްރު ބޯޓު ދިޔަވާތީ އެބޯޓުން ދަތުރު ކުރަމުންދިޔަ ފަސް ފަޅުވެރިން ކޯސްޓްގާޑަށް ނަގައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

"އެ ބޯޓުން ދަތުރުކުރަމުންދިޔަ ފަސް ފަޅުވެރިން ވަނީ ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނަގާފަ." އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވާއިރު މިއަދު ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ކުރިންވަނީ ބުނެފައެވެ. އަދި ރޭ ފަތިހު ކުރި ވިއްސާރާގައި ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި ދިވެއްސަކު ނިޔާވެފައިވާއިރު، އޭގެން ދަތުރުކުރި 2 ބިދޭސީން ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

އެ ހާދިސާ ހިނގާފައިވަނީ ލޭންޑިންގ ކްރާފްޓް، މާލެއިން ފުރައިގެން ކ. އެރިޔަދޫ ރިސޯޓަށް މުދާ ހިފައިގެން ދަތުރުކުރަމުން ދަނިކޮށް، ކ.ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލު ބޭރުން ބަންޑުން ޖަހާލުމާ ގުޅިގެންނެވެ.

އަދި އެ ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި އަޑިއަށްގޮސް އުޅަނދުގެ ބައެއްތަކެތި ތުޅާގިރީގެ އިރުމައްޗަށް ވާގޮތަށް އޮޔާދާތީވެ، އެ ސަރަހައްދުން ދަތުރު ކުރަށްވާ ހުރިހާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު