ބަންޑުންޖަހާލި ކޮޅުވެއްޓި
ބަންޑުންޖަހާލި ކޮޅުވެއްޓި
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އެކަކު މަރުވެ، ދެ މީހަކު ގެއްލިއްޖެއެވެ.

އެމްއެންޑީއެފުން ރޭ ފަތިހު 4:41 ގައި ބުނެފައިވަނީ، މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

އަދި ހަތް މީހަކު ތިބި އެ އުޅަނދުން ދަތުރުކުރި 4 މީހަކުވަނީ ސަލާމަތްކުރެވިފައި ކަމަށް އެމްއެންޑީއެފުން އޭރު ބުނެފައިވެއެވެ.

އަދި މިއަދު ހެނދުނު 8:23 ގައި އެމްއެންޑީއެފުން ބުނެފައިވަނީ، ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓް ވަނީ އަޑިއަށް ގޮސްފައި ކަމަށާއި، އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައިވާ ކަމަށެވެ.

މި ޙާދިސާގެ މަޢުލޫމާތު މީޑީއާއަށް ޙިއްސާ ކުރަމުން ފުލުހުން ބުނެފައިވަނީ، އެމްއެންޑީއެފްގެ ޑައިވަރުން މިއަދު ހެނދުނު 8:04 ހާއިރު ކަނޑުގެ އަޑިން ނެގި މީހާ އޮތީ ނިޔާވެފައި ކަމަށާއި، އަދިވެސް ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ޙާދިސާގައި ނިޔާވެފައިވަނީ ގއ. ދާންދޫ ސަރުސޫނުގޭ ޢުމުރުން 38 އަހަރުގެ އަޙްމަދު ޝިފާނެވެ. މި ޙާދިސާ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު