ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ވައްކަންތަކުގެ އިތުރުން، ގާނޫނު އަސާސީ މުގުރާލުމާއި، ވެށި ފުނޑާލުމުގެ ދައުވާތައް އުފުލޭނެ ދުވަހެއް އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑޭ މިހެން ވިދާޅުވެފައި މިވަނީ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އެޕްރޫވް ނުކުރަނީސް، ކޮމަންޑޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އިއްޔެ ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާތީ އެކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ވައްޑޭ ވިދާޅުވީ ރައީސް މުއިއްޒު ރަށަކަށް ވަޑައިގަންނަވަން ވީމާ ތިމާވެށި ގާނޫނަށް ބެލުމެއްނެތި އީއައޭ ނުހަދައި، އެއާޕޯޓްސް ކޮމްޕެނީ ލައްވާ އެތަނެއް ކޮނެ ނަގަމުންދާކަމަށެވެ.

"މުއިއްޒު ރަށަކަށް އަރަންވީމާ ތިމާވެށި ޤާނޫނަށް ނުބަލައި އީއައިއޭ ނުހަދައި އެއާޕޯޓްސް ކޮމްޕެނީ ލައްވާ މިޔޮށް ކޮނެ ނަގަނީ. މުއިއްޒުގެ ވައްކަންތަކުގެ އިތުރުން ޤާނޫނާ އުސޫލުތައް މުގުރުމާއި، ވެށި ފުނޑާލުމުގެ ދައުވާތައް އުފުލޭނެ ދުވަހެއް އަންނާނެ!" ވައްޑޭ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމަންޑޫ އެއާޕޯޓު އެޅުމުގެ ކުރިން ހަދަން ޖެހޭ އީއައިއޭ ހެދުމުގެ މަސައްކަތް ސަރުކާރުން ކޮށްފައިވަނީ މީގެ ތިން ދުވަސް ވަރު ކުރިންނެވެ. އެއަށްފަހު އެ އީއައިއޭ އެޕްރޫވްކުރަން އެންވަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އަށް ހުށަހަޅާފައިވީނަމަވެސް، އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ އީއާރްއޭ އިން އެ އީއައިއޭ އެޕްރޫވް ނުކުރަނީސް ކަމަށް މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު