މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފް
މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފް
ފުލުހުންގެ މުއައްސަސާގެ ގަދަރާއި ޝަރަފް ނަންގަވާނުލެއްވުމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފް، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލައްވައިފިއެވެ.

ހަސަން މިގޮތަށް ގޮވާލައްވާފައި މިވަނީ ތަފާތު އެކި މައްސަލަތަކުގައި ފުލުހުން މިފަހަކަށް އައިސް ކަންތައްކުރަމުންދާ ގޮތަށް ފާޑުވިދާޅުވަމުން ކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ ދެ އަންހެން މެމްބަރުންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނިކޮށް ފޯނުގައި ހުރި ބައެއް ފޮޓޯތަކާއި ވީޑިއޯތައް ލީކުވެފައިވާކަމަށް ބުނާ މައްސަލަތަކެއް ވަނީ ދާދި ފަހުން ފެންމަތިވެފައެވެ. މިއީ އިދިކޮޅުގައި ހަރަކާތްތެރިވާ އަންހެން ވެރިންނަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުގެ ނުފޫޒާއެކު ފުލުހުން ހިންގި އަމަލެއް ކަމުގައި އިދިކޮޅު އެމްޑީޕީން ވަނީ ސިފަކޮށްފައެެވެ.

މިކަމަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ހަސަން ވިދާޅުވީ ޒުވާން އަންހެން ކުދިންގެ ފޯނު ޖަހައިގަނެގެން ގެންގޮސް އޭގަހުރި ފޮޓޯތައް ހޭވުމަކީ ވިޔާނުދާ އަމަލެއް ކަމަށެވެ. އަދި މިފަދަ ވިޔާނުދާ އުޅުމާ ދުރަށް ވަޑައިގަންނަވަން މަސައްކަތް ކުރަން ޖެހޭ ނޫންތޯ ވިދާޅުވެ ހަސަން ވަނީ ސުވާލު ކުރައްވާފައެވެ.

"ރައީސުލްޖުމްހޫރިއްޔާ އަށް މިހާރު ތިޔޮށް ބެއްލެވެނީ ގިފިލި! ޒުވާން އަންހެން ކުދިންގެ ފޯނު ޖަހައިގަނެގެން ގެންގޮސް އޭގަހުރި ފޮޓޯތައް ވިއްޔާ ތިޔަ ހާވަނީ! ތިޔަ ވިޔާނުދާ އުޅުމާ ދުރަށް ވަޑައިގެންނެވޭތޯ މަސައްކަތް ކުރައްވަން އެބަޖެހޭ! ނޫންތޯ؟" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަމަ މިއާއެކު ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އެޅުމަށް ފޮޓޯއެއް ނެގި ކަމަށް ބުނެ އެމްޑީޕީ ގައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް ހަސަން ވަނީ މިއަދު މެންދުރު ފުލުސް އޮފީހަށް ގެންގޮސްފައެވެ. މިއީ ވެރިން ރުއްސައި ރައްޔިތުންގެ އަޑުކަނޑުވާލުމަށް ފުލުހުން ކުރަމުންގެންދާ ހަޑިހުތުރު އަމަލެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ހަސަން ވިދާޅުވީ ސަރުކާރުގެ ނުފޫޒުން ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ އިތުބާރު ގެއްލިގެންދާ ކަމަށެވެ.

"ރ. މުއިއްޒު! ތިޔަ ނަގާލަނީ ފުލުހުންގެ މުއައްސަސާގެ އިތުބާރު! ތިޔަ ސިފަކުރައްވަނީ ފުލުހުންނަކީ މަގުމަތީގައި ހިނގާފައިދާ ރައްޔިތެއްގެ ފޯނަކުން ފޮޓޯއެއް ނަގާލާ އިރަށް އެމީހުންގެ ގާނޫނީ ވާޖިބު އަދާ ނުކުރެވޭ ވަރުގެ ބައެއްގެ ގޮތުގައިތޯ؟" ހަސަން ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާއަށް އިހްތިރާމް ކުރުމަށް ރައީސަށް ގޮވާލައްވަމުން ހަސަން ވަނީ، އެ މުއައްސަސާގެ ގަދަރާއި ޝަރަފު ނަންގަވާ ނުލެއްވުމަށް ރައީސަށް އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު